21 މާޗް 2018 - 00:32

ޔޫކްރޭން ފޯވާޑް ރޮލޭންޑް ރަސެލް ބިލާލް ޖެހި ހަތަރު ލަނޑާ އެކު ޔުނައިޓެޑް ވިކްޓަރީ 5-0 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގައި ކްލަބް ގްރީންސްޓްރީޓްސް އިން ފުރަތަމަ މޮޅު ހޯދައި ތާވަލުގެ ފަސް ވަނަ އަށް އަރައިފި އެވެ.
ހަތަރު މެޗުން ފަސް ޕޮއިންޓާ އެކު ގްރީންސްޓްރީޓްސް ހަމަޖެހުމެއް ހޯދިއިރު ޔުނައިޓެޑް ވިކްޓަރީ އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެ ޓީމު މިރޭ މޮޅުވި ނަމަ އެއް ވަނަ އަށް އެރުނީހެވެ.
މިރޭގެ މޮޅާ އެކު ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން މިވަނީ ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އަދި އޭނާގެ ކޮއްކޮ މުހައްމަދު ނަޒީހުގެ މައްޗަށް ކޯޗިން ކެރިއަރުގައި ކާމިޔާބު ހޯދުމުގެ ސިލްސިލާ ދަމަހައްޓައިފަ އެވެ.
މެޗުގެ ފުރަތަމަ ނުރައްކާތެރި ފުރުސަތު ލިބުނީ ވެސް ގްރީންސްޓްރީޓްސް އަށެވެ. އެ ޓީމުގެ ޔޫކްރޭން މިޑްފީލްޑަރު ސޮބުލް އިލިއާ 11 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ މުހައްމަދު ސާއިފް ބޮލުން ޖެހުމުން ދިޔައީ ގޯލް ދަނޑިއާ އިންޗެއްހާ ބޭރުންނެވެ.
ޔުނައިޓެޑް ވިކްޓަރީ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، އިތުބާރު ފޯވާޑް ސެމުއެލް ކޯޑެލް އަށް އަނިޔާވެ 23 ވަނަ މިނެޓުގައި ބާލަން ޖެހުމެވެ. އޭނާގެ ބަދަލުގައި ކުރިއަށް ފަހުން ކުޅުނު ބްރެޒިލް ފޯވާޑް ރަފީނާ ވަނީ 26 ވަނަ މިނެޓުގައި ބޮލުން ރަނގަޅު ހަމަލައެއް ފޮނުވާލައިފަ އެވެ. އަލީ ހައިޝަމް (ޗުމްޕު) ހުރަސްކުރި ބޯޅަ އޭނާ ޖެހުމުން ދިޔައީ މަތީ ކަނާ ދިމާލުން ބޭރަށެވެ. އޭގެ ފަހުން 31 ވަނަ މިނެޓުގައި ރަފީނާ ދިން ބޯޅައެއް ހައިޝަމް އަރީފް އޭރިއާ ތެރެއިން ޖެހުމުން ދިޔައީ ގްރީންސްޓްރީޓްސްގެ ޑިފެންޑަރަކު ބްލޮކްކުރީ އެވެ.
ދެ ވަނަ ހާފު ފަށައިގެން 57 ވަނަ މިނެޓުގައި ޗުމްޕު ދިން ބޯޅައަކުން ރަފީނާ ނުރައްކާތެރި ޝޮޓެއް ފޮނުވާލި އެވެ. އެކަމަކު އޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލުގެ މަތީ ކަނާ ދިމާލުން ބޭރަށެވެ.
ދެން ފެނިގެން ދިޔައީ ގްރީންސްޓްރީޓްސް އިން ކައިރިކައިރީގައި ތިން ލަނޑު ޖެހި ތަނެވެ. ފުރަތަމަ ލަނޑު 59 ވަނަ މިނެޓުގައި އަރިމަތިން ނެގި ހުރަހެއް ރަސެލް ގޯލަށް ވައްދާލީ މަޑުމަޑުން ޖަހަ އެވެ. އޭގެ ފަހުން 67 ވަނަ މިނެޓުގައި އަނެއްކާ ވެސް ރަސެލް އަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު މި ފަހަރު ޖެހުމުން ދިޔައީ ގޯލް މަތިންނެވެ.
ގްރީންސްޓްރީޓްސްގެ ދެ ވަނަ ގޯލާއި ތިން ވަނަ ގޯލް 69 ވަނަ މިނެޓާއި 74 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ރަސެލް ޖެހީ އިބްރާހިމް ރިޒުހާން (ރިޒްކޯ) ނެގި ހުރަސް ގޯލް ތެރެއަށް ވައްދާލައިގެންނެވެ.
މެޗުގެ ފަހުބައިގައި ޔުނައިޓެޑް ވިކްޓަރީން ކުރިއަށް ޖެހިގެން ހަމަލާތައް އުފައްދަން މަސައްކަތްކުރި ނަމަވެސް މާބޮޑު ނުރައްކަލެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި ޔުނައިޓެޑް ވިކްޓަރީ ވަނީ ކައުންޓާ އެޓޭކުގައި ނުރައްކާކޮށްފަ އެވެ. އެ ޓީމުގެ ފަހު ދެ ލަނޑަކީ އޭގެ ނަތީޖާ އެވެ.
އެ ޓީމުގެ ހަތަރު ވަނަ ގޯލް ރަސެލް ޖެހީ ޕެނަލްޓީއަކުންނެވެ. މިއީ ގްރީންސްޓްރީޓްސްގެ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އަށް ޔުނައިޓެޑް ވިކްޓަރީގެ އަލީ ޝަރީފް (އައްޔަ) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ ފަސް ވަނަ ގޯލް ޖެހީ ޝަފްލޭ އެވެ. މި ގޯލް އޭނާ ޖެހީ ވެސް އެ ޓީމުގެ އަނެއް ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހި ގޮތަށް އަރިމަތިން ނެގި ހުރަހެއް ގޯލަށް ވައްދާލައިގެންނެވެ.
ގްރީންސްޓްރީޓްސްގެ ކޯޗު ސުޒޭން ބުނީ ފުރަތަމަ ހާފުގައި ދެއްކި ކުޅުން ދެ ވަނަ ހާފުގައި، އޭނާގެ ވިސްނުމާ އެކު ކުޅުންތެރިންގެ މަސައްކަތުން އަނބުރާލެވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ސުޒޭން ބުނީ ގްރީންސްޓްރީޓްސްގެ އެޑްވާންޓޭޖަކީ ސްޕީޑް ކުޅުންތެރިން ކަމަށާއި ގޯލް ޖެހީ އޭގެ ބޭނުން ހިފައި އަރިމަތިން ހަމަލާ އުފައްދައިގެން ކަމަށެވެ. އަދި އޭނާގެ ޓީމަށް ފަހުން ފުރުސަތު ބޮޑުވީ ޔުނައިޓެޑް ވިކްޓަރީން ކުރިއަށް އެރި ވަގުތު ލިބުނު ހުސް ޖާގަތަކުގެ ސަބަބުން ކަމަށް ބުންޏެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު ނަޒީހު ބުނީ މިއީ ވަރަށް އާދައިގެކޮށް ދިޔަ ރެޔެއް ކަމަށާއި މިއީ ފުޓްބޯޅައިގައި ވެދާނެ ކަމެއް ކަމަށް ބުނެ ދޫކޮށްލެވެން ނެތް ކަމަށެވެ.
"ސްކޫލް ބޯއީސް ހަދާ ކަހަލަ މިސްޓޭކްތަކެއް ފެނުނީ. އަޅުގަނޑު މި ވާހަކަ ބުނަން ބޭނުމެއް ނޫން އެކަމަކު ހަގީގަތުގައި ފޯވާޑަށް ފުރަތަމަ ހާފުގައި އަނިޔާވެ ބާލަން ޖެހުމުން ކުރީގައި ބޯޅަ ނުހިފެހެއްޓިގެން ދިޔައީ. މޯރަލީ ވެސް އަސަރުކުރާނެ އެހާ ރަނގަޅަށް ކުޅޭ ކުޅުންތެރިޔަކު ނެތުމުން. އަޅުގަނޑަށް ވެސް މިއަދު ގޯސްތަކެއް ހެދުނު ބަދަލުތައް ގެނައިރު،" ނަޒީހު ބުންޏެވެ.
އެކަމަކު ނަޒީހު ބުނީ މި ނަތީޖާއަކުން އޭނާ އަށް ވެސް އަދި ޓީމުގެ ހިތްވަރަށް ވެސް ބަދަލެއް ނާންނާނެ ކަމަށާއި ކުރިއަށް އޮތް ނިއު ރޭޑިއަންޓް މެޗާ ކުރިމަތިލާނީ މިއަށް ވުރެ ރަނގަޅު ކުޅުމެއް ދައްކަން ކަމަށެވެ.