20 މާޗް 2018 - 22:59

ޝީޓުން ބައެއް ވެއްޓުނު، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އިމާރާތް ރައްކާތެރި ނޫން ކަމަށާއި އެހެންވެ އެ އިމާރާތް ހުސްކުރަން މާދަމާ ރަސްމީކޮށް އަންގަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުހައްމަދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޖިނިއަރިން ފެކަލްޓީގެ އިމާރާތް ހުރި ގޮތް ބެލިއިރު، އެތަނަކީ ބޭނުން ކުރަން ރައްކާތެރި ނޫން ކަމަށެވެ.
ބިލަބޮންގް ސްކޫލްގެ ކުރިމަތީގައި ހުންނަ އެ އިމާރާތުގެ ޝީޓުން ބައެއް ވެއްޓުނީ މަރާމާތުގެ މަސައްކަތެއް ކުރަނިކޮށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އާއިޝަތު ޝާހީން ވިދާޅުވީ، އިމާރާތުގެ ސިޑިއާ ދިމާލުން އިމާރާތުގެ ޝީޓުން ބައެއް ވެއްޓުމާ ގުޅިގެން އިމާރާތުގައި ކްލާސްތައް ނުނަގަން އަންގާފައިވާނެ ކަމަށެވެ. އަދި ދަރިވަރުން އެތަނުން ނެރެފައިވާ ކަމަށް ޝާހީން ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އެމްއެންޔޫގެ އެކި ފެކަލްޓީތައް ހިންގި، ބާ ޖަމާލުއްދީންގެ އިމާރާތް ވަނީ ހައުސިން މިނިސްޓްރީން ނޯޓިސް ދިނުމާއެކު 2015 ގައި ހުސްކޮށްފަ އެވެ.