20 މާޗް 2018 - 22:27

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން، ދިވެހިންނަށް ވިސާ ދޭ އުސޫލަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ހައި ކޮމިޝަނާ ހަވާލާދީ ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ޓޫރިޒަމް ނޫން ބޭނުންތަކަށް ދިވެހިންނަށް ވިސާ ދޫކުރުން އިންޑިއާއިން މަޑުޖައްސާލާފައިވާ ކަމަށް މީޑިއާގައި ބުނި ނަމަވެސް އެފަދަ މައްސަލައެއް ނޫޅޭ ކަން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ފޮރިން މިނިސްޓްރީއަށް ޔަގީންކޮށްދީފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނި ނަމަވެސް، އިންޑިއާ ހައި ކޮމިޝަނުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން، ދިވެހިންނަށް ވިސާ ދިނުން އަންގާރަ ދުވަހާ ހަމައަށް މަޑު ޖައްސާލާފައިވާ ކަމަށެވެ. އަދި ވިސާ ހޯދަން މިއަދު ދިޔަ ބައެއް މީހުން، ވިސާ ނުލިބިގެން ޝަކުވާ ކުރި އެވެ.
ވިސާ ދިނުން މަޑުޖައްސާލިއިރު، ބުރާސްފަތި ދުވަހުން ފެށިގެން އެއް ހަފުތާއަކަށް ސްކޫލްތައް ބަންދުވާނެ އެވެ. އަދި ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ކޮންމެ އަހަރަކު ވެސް ބޭސްފަރުވާ އަށް އެ ގައުމަށް ދަތުރުކުރެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން، ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.