20 މާޗް 2018 - 20:42

ހއ. މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމައި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައި ވަނިކޮށް އެ ރަށް ވަރުވާއަށް ދޫކުރަން އިއުލާނުކުރެވުނީ ޑޭޓާ ބޭސްގެ މައްސަލައަކުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.
ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މާމި ސަރުކާރުން މާފިނޮޅުގައި އަޅާނީ އެއާޕޯޓެކެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ 25 ރަށެއް ވަރުވާއަށް ދޫކުރަން އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ހއ. އަތޮޅުގެ ފަޅުރަށްތަކެވެ.
މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރަން ނިންމާފައިވާކަން އިއުލާން ކުރީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އަބްދުﷲ ޔާމީނެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ 21 ގައި ވިދާޅުވެފައި ވަނީ ހޯރަފުށި ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ. އަދި ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ނ. މާފަރާއި ގދ. މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް ނިމޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.