24 މާޗް 2018 - 06:49

ދެހާސް ސާދައިގައި ރިލީޒް ކުރި ކާމިޔާބު ފިލްމް "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރިމެކިންއެއް ހަދާތީ، އެ ފިލްމްގެ ވާހަކަ ލިޔުނު ޖޯން ގްރީން އުފަލުން ހުރި ކަމަށް އޭނާ ބުނެފި އެވެ.
ހިންދީ ރިމެކިންގެ ބަތަލާއަކަށް ސަންޖަނާ ސާންގީ ހަމަޖެއްސި ކަމަށް ބުނާ ހަބަރެއް ޓެގްކޮށް ޖޯން ކުރި ޓްވީޓެއްގައި ބުނީ "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރިމެކިންއެއް ހަދާކަން ގަބޫލުކުރަން ވެސް ދަތި ކަމަށެވެ.
ބޮލީވުޑްގެ މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ ޑައިރެކްޝަނަށް ނުކުންނަ ފިލްމްގެ ލީޑް ރޯލަށް ނަގާފައި ވަނީ ސަންޖަނާ އާއި ސުޝާންތު ސިންގްރާޖްޕޫތު އެވެ. ސަންޖަނާ މީގެ ކުރިން ފިލްމްތަކުގައި ކުޅެފައި ހުރީ ސަޕޯޓިން ރޯލްތަކެވެ. އޭގެ ތެރޭގައި ރަންބީރް ކަޕޫރާއި ނަރްގިސް ފަޙްރީގެ ރޮކްސްޓާ (2011) އާއި އިރްފާން ހާނާއި ސަބާ ގަމަރްގެ މިދިޔަ އަހަރުގެ "ހިންދީ މީޑިއަމް" ފާހަގަކޮށްލެވެ އެވެ.
އެކަމަކު "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރިމެކިންވެގެން ދާނީ ސަންޖަނާ، 21، ލީޑް ރޯލް ކުޅޭ ފުރަތަމަ ފިލްމަށެވެ.
ޖޯން 2012 ގައި ނެރުނު "ފޯލްޓް އިން އަވާ ސްޓާސް" އަކީ ތައިރޮއިޑް ކެންސަރު ޖެހިފައިވާ ޒުވާން އަންހެން ކުއްޖަކާއި ބޯން ކެންސަރުގެ ޝިކާރައަކަށްވެ، ފައި ބުރިކޮށްލާފައިވާ ޒުވާނެއްގެ އަސަރުގަދަ ލޯބީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ޖޯޝް ބޫން ޑައިރެކްޓް ކުރި ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ ޝައިލިން ވުޑްލީ އާއި އެންޒެލް އެލްގަޓް އެވެ.
"ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ފިލްމްގެ މަސައްކަތް ފަށާނެ ތާރީހާއި ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އެމެރިކާ އަށް އުފަން ޖޯން، 40، ލިޔެފައިވާ އިތުރު ވާހަކަތަކުގެ ތެރޭގައި އޭން އެބަންޑަސް އޮފް ކެތުރީންސް (2006)، ޕޭޕަ ޓައުންސް (2008) އަދި މިދިޔަ އަހަރު ނެރުނު "ޓާޓްލްސް އޯލް ދަ ވޭ ޑައުން" ހިމެނެ އެވެ.