20 މާޗް 2018 - 18:14

ދޫނިދޫ ޖަލުގެ ހާލަތާއި މުޒާހަރާތަކުގައި ފުލުހުން އަމަލުކުރާ ގޮތުގެ ކަންބޮޑުވުންތައް ހުށަހެޅުމަށް، އިދިކޮޅު ފަރާތްތަކުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދާ މިއަދު ބައްދަލުކޮށްފި އެވެ.
މިނިސްޓަރާ ބައްދަލުކުރި ފަސް ބޭފުޅުންގެ ތެރޭގައި، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައިވާ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެ މެމްބަރަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މިނިސްޓަރާ ބައްދަލުކުރެއްވުމަށް ފަހު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޖަލުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި އެ ކަންކަން ރަނގަޅު ކޮށްދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދެ ގަޑިއެއްހާއިރަށް ބޭއްވި ބައްދަލުވުމުގައި، އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެެވެ. އެ މައްސަލަތައް ވަރަށް އަވަހަށް ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"ޖަލުގައި ބޯން ދޭ ފެނާއި ބޭސްފަރުވާގެ ކަންކަމާއި، ޑޮކްޓަރު ދޭ ބޭސް އެތައް އިރެއް ވެގެން ދާއިރު ވެސް ހަވާލުނުކުރުމާއި މުޒާހަރާ ތެރޭގައި ފުލުހުން ރައްޔިތުންނާ މެދު އަމަލުކުރާ ގޮތުގެ ކަންބޮޑުވުންތައް ވާނީ ހިއްސާކޮށްފައި. މިނިސްޓަރު އެ މައްސަލަތައް ނޯޓުކުރެއްވައި ވިދާޅުވި އެ ކަންކަމަށް ވަރަށް އަވަހަށް އެޓެންޑްކުރާނެ ކަމަށް،" ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ނުރައްކާތެރި ކުށްވެރިން ތިބޭ ގައުމުތަކުގެ ޖަލުތައް ވެސް، ރާއްޖޭގެ ޖަލުގެ ހާލަތަށް ވުރެ ރަނގަޅު ކަމަށެވެ. ދޫނިދޫ ޖަލުގެ ހާލަތު، އެ ތަނުގައި 30 އަށްވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި ތިބި އެމްޑީޕީ ގައުމީ މަޖިލީހުގެ ދެ މެމްބަރުން ވަނީ މިނިސްޓަރަށް ކިޔައިދެއްވައިފަ އެވެ.