ދައުވާލިބޭ މީހާ ހާޒިރު ނުކޮށް ހެކިބަސް ނަގައި، އިއްވި ޖަލު ހުކުމް ބާތިލްކޮށްފި
ދައުވާލިބޭ މީހާ ހާޒިރު ނުކޮށް ހެކިބަސް ނަގައި، އިއްވި ޖަލު ހުކުމް ބާތިލްކޮށްފި

ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއްގައި ދައުވާލިބޭ މީހާ ހާޒިރު ނުކޮށް ހެކިބަސް ނެގުމަށް ފަހު އެ މީހާ 10 އަހަރަށް ޖަލަށްލާން ށ. ފުނަދޫ ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށް، އޭނާ މިނިވަންކޮށްފި އެވެ.

ފުނަދޫ، ނަސީމީގޭ މުހައްމަދު ރިޝާން 10 އަހަރަށް ޖަލަށްލާން އެރަށު ކޯޓުން މިދިޔަ އޮގަސްޓް މަހު ހުކުމްކުރީ ސެޕްޓެމްބަރު، 2014 ގައި 16 އަހަރުގެ އަންހެން ކުއްޖަކާ ބެހުނުކަން ސާބިތުވުމުންނެވެ. އެކަމަކު އަނިޔާލިބުނު ކުއްޖާގެ ހެކިބަސް އެ ކޯޓުން ނަގާފައިވަނީ ރިޝާން ކޯޓަށް ހާޒިރު ނުކޮށެވެ.

އެ މައްސަލަ ރިޝާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ ދަށު ކޯޓުގެ ހުކުމަކީ ގާނޫނު އަސާސީން ލިބިދޭ ހެކިންނާ ސުވާލު ކުރުމުގެ ހައްގާއި ދިފާއުގައި ހެކި ހުށަހެޅުމުގެ ހައްގު ރިޝާނަށް ނުދީ ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި އެ ހުކުމް ކޮށްފައިވަނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ ގޮތަށް ހެކި ވަޒަން ކުރުމެއް ނެތި ކަމަށް ވެސް ހައި ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ އަނިޔާ ލިބުނު ކުއްޖާގެ ހެކިބަސް ރިޝާންގެ ޣައިރު ހާޒިރުގައި ނަގާފައިވާއިރު އޭގެ ސަބަބުން ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ރިޝާނަށް ގެއްލިފައިވާ ކަމަށެވެ. ދިފާއީ ހެކިން ހުށަހެޅުމުގެ ފުރުސަތު ރިޝާނަށް ކުރިން ދިނުމުން އެ ފުރުސަތު އޭނާ ދޫކޮށްލީ ކަމަށް ބުނެ އެ ފުރުސަތު އަލުން ދެވެން ނެތް ކަމަށް ފުނަދޫ ކޯޓުން ނިންމިޔަސް ކުރިން އެ ފުރުސަތު ކުރިން ރިޝާނަށް ދިންކަން ބަޔާންތަކުން އެނގެން ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އަނިޔާލިބުނު ކުއްޖާގެ ހެކިބަސް ވެސް ދަށު ކޯޓުން ނަގާފައިވަނީ އެފަދަ މައްސަލަތަކުގައި ހެކިބަސް ނަގަންޖެހޭ ގޮތަކަށް ނޫނެވެ. އެފަދަ މައްސަލަތަކުގައި އަނިޔާލިބޭ ކުއްޖާގެ ހެކިބަސް ނަގަންޖެހޭނީ އެ ކޯޓުން ބޭރުގައި، އެ ކުއްޖާ ދެކެފަރިތަ މާހައުލެއްގައި އަދި އެ ކުއްޖާއަށް އިތުބާރު ކުރެވޭ ބައެއްގެ ކުރިމަތީގައި ކަމަށްވާއިރު، އެ މައްސަލާގައި އަނިޔާލިބުނު ކުއްޖާގެ ބަސް ހޯދާފައިވަނީ އެ ކުއްޖާއަށް ދެކެފަރިތަ މާހައުލެއްގައި އަދި އިތުބާރު ކުރެވޭ ބައެއްގެ ކުރިމަތީގައި ކަން އެނގެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

ވަކީލަކު ހޯދުމުގެ ފުރުސަތު ރިޝާނަށް ދަށު ކޯޓުން ދީފައިނުވާ ކަމަށް އޭނާގެ ފަރާތުން ހައި ކޯޓުން ބުންޏަސް އޭނާއަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ފުނަދޫ ކޯޓުން ބުނެފައިވަނީ އަނިޔާލިބުނު ކުއްޖާގެ ހެކިބަސް ރިޝާންގެ ޣައިރު ހާޒިރުގައި ނަގާފައިވަނީ ކާކުކަން ނޭނގޭ ގޮތަށް އެ ކުއްޖާގެ ހެކިބަސް ނަގައިދޭން ދައުލަތުން އެދުމުން ކަމަށެވެ. އެކަމަކު ހެކިން ސިއްރުކުރަން އެދޭ މައްސަލަތަކުގައި ވެސް ދައުވާލިބޭ މީހާ ހާޒިރު ނުކޮށް ހެކިބަސް ނެގުމަކީ ކޯޓުތަކުން ކުރާ ކަމެއް ނޫނެވެ. އެފަދަ މައްސަލަތަކުގައި މިހާތަނަށް އަމަލުކުރާ ގޮތަކީ ދައުވާލިބޭ މީހާ ޝަރީއަތުގައި ބައިންދައިގެން އަދި އެހެން ތަނެއްގައި ހެކިވެރިޔާ ބައިންދައިގެން އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމެވެ.