"އިންޑިއާނާ ޖޯންސް 5" 2020 ގައި، ޝޫޓިން އަންނަ އަހަރު
"އިންޑިއާނާ ޖޯންސް 5" 2020 ގައި، ޝޫޓިން އަންނަ އަހަރު

އޮސްކާ ހާސިލްކޮށްފައިވާ ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ ކާމިޔާބު ފިލްމް ފްރެންޗައިޒް "އިންޑިއާނާ ޖޯންސް" ގެ ފަސް ވަނަ ބައި 2020 ގައި ސިނަމާތަކަށް ގެންނަން، ނިންމައި ފިލްމްގެ މަސައްކަތް އަންނަ އަހަރު ފަށަން ތާވަލްކޮށްފި އެވެ.

އާދީއްތަ ދުވަހު ބޭއްވި ރަކްޓެން އެމްޕަޔާ ޓީވީ އެވޯޑްސްގައި އޭނާ އަށް ދިން ލެޖެންޑް އޮފް އަވާ ލައިފްޓައިމް އެވޯޑާ ހަވާލުވާން ސްޓޭޖަށް އަރައި ސްޕީލްބާގް ބުނީ "އިންޑިއާނާ ޖޯންސް" ގެ ފަސް ވަނަ ބައިގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ އެޕްރީލް މަހު ލަންޑަންގައި ކަމަށެވެ.

ޑިޒްނީއާ ގުޅިގެން ހަދާ ފިލްމްގެ ފަސް ވަނަ ބަޔަށް ދީފައިވާ ނަން އަދި އިއުލާން ނުކުރި ނަމަވެސް، މި ފިލްމުން ވެސް ހެރިސަން ފޯޑް، 75، ބެލުންތެރިންނާ ބައްދަލުކުރާނެ އެވެ.

އެ ފިލްމް ޖުލައި، 10، 2020 ގައި ސިނަމާތަކަށް ގެންނަން ތާވަލު ކުރި ނަމަވެސް، ހެރިސަން ފޯޑް ފިޔަވައި، ފިލްމްގެ އިތުރު ކާސްޓުން ވެސް އަދި އިއުލާނެއް ނުކުރެ އެވެ.

އެކަމަކު މި ފަހަރު ވެސް ސްކްރީންޕްލޭ ލިޔާނީ 2008 ގައި ރިލީޒް ކުރި "އިންޑިއާނާ ޖޯންސް" ގެ ހަތަރު ވަނަ ބައި "ދަ ކިންގްޑަމް އޮފް ކްރިސްޓަލް ސްކަލް" ލިޔުނު ޑޭވިޑް ކޮއެޕް އެވެ. ސްޕީލްބާގާ އެކު އޭނާ ވަނީ "ޖުރަސިކް ޕާކް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

އިންޑިއާނާ ޖޯންސްގެ ފުރަތަމް ފިލްމް "ރެއިޑާޒް އޮފް ދަ ލޮސްޓް އާކް" ސިނަމާތަކަށް އައީ 1981 އެވެ. ދެވަނަ ބައި "ޓެމްޕްލް އޮފް ޑޫމް" 1984 ގައި ރިިލީޒް ކުރި އިރު، ތިން ވަނަ ބައި "ލާސްޓް ކުރްސެޑް" ސިނަމާތަކަށް އައީ 1989 އެވެ.

މިދިޔަ އަހަރު "ދި ޕޯސްޓް" ގެނެސް ދިން ސްޕީލްބާގްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 29 ގައި ރިލީޒް ކުރާ ފެންޓަސީ ތުރިލާ "ރެޑީ ޕްލެޔާ ވަން" އެވެ.