20 ޖުލައި 2016 - 05:20

އާދައިގެ ބަރުދަން ހުންނަ ކޮންމެ ފަސް މީހަކުން އެކަކަށް ހަކުރުބަލި ޖެހުމުގެ ނުރައްކާ އެބައޮތް ކަމަށް ސައިންސްވެރިން ބުނެފި އެވެ. އަދި ހިކިކޮށް ތިބޭ މީހުންގެ ވެސް ތިންބައިކުޅަ އެއްބައި މީހުންނަށް އުމުރުން 45 އަހަރުން މައްޗަށް ދާއިރު ޕްރިޑައިބެޓީސް ހުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.

ޕްރިޑައިބެޓީސް ހުރި ކަމަށް ބަލަނީ ލޭގައި ގުލްކޯޒް ލެވެލް ހުންނަ މިންވަރު އާދައިގެ ވަރަށް ވުރެ ތަންކޮޅެއް މަތި ނަމަވެސް ހަކުރުބަލި ހުރިކަމަށް ޑައިގްނޯސް ކުރާވަރަށް ނުދާ ނަމަ އެވެ. ޕްރިޑައިބެޓީސް ހުންނަ މީހުންގެ ޓައިޕް 2 ޑައިބެޓީސް އާއި ހިތާ ގުޅިފައިވާ ނާރުތަކަށް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މިކަމާ ގުޅޭ ދިރާސާއެއް ޔުނިވަސިޓީ އޮފް ފްލޮރިޑާގެ ސައިންސްވެރިން ކުރީ ބީއެމްއައި މިނާ މިންގަނޑަކީ ހަކުރުބަލި ހުރިތޯ ޔަގީންކުރަން އެންމެ އެކަށީގެންވާ މިންގަނޑެއްތޯ ދެނެގަތުމަށެވެ.
މި ދިރާސާ ކުރެއްވި ސައިންސްވެރިން ބުނަނީ ދިރާސާގެ ނަތީޖާއިން އިތުރު ކަންބޮޑުވުންތަކާ ކުރިމަތިވީ ކަމަށެވެ. ސަބަބަކީ ބީއެމްއައި ފުދޭ ވަރަކަށް ތިބޭ މީހުން އާއްމުކޮށް ހަކުރަށް ޓެސްޓްކުރާ ގައިޑްލައިންގައި ނުހިމެނޭތީ އެވެ.
ލީޑް އިންވެސްޓިގޭޓާ ޑރ. އާކް މައިނޮސް ވިދާޅުވީ މިހާރު ހަކުރުބަލީގެ އެޕިޑެމިކެއް ފެތުރެމުންދާއިރު އެ ވަބާއިން އިންސާނުން ސަލާމަތްކުރަން ވަރުގަދަ ރޭވުންތަކެއް ރާވަން ޖެހިފައިވާ ކަމަށެވެ.
މިކަން ކުރެވެން އޮތް އެއް ގޮތަކީ ޕްރިޑައިބެޓީސް މީހުން ދެނެގަނެ އެމީހުންނަކީ ހަކުރުބަލި ޖެހުމުގެ އެންމެ ނުރައްކާ ބޮޑު މީހުންގެ ގޮތުގައި ދެކި އެމީހުންނަށް ބޭސް ދީ ލައިފްސްޓައިލް ބަދަލު ކުރުމެވެ.
ހަކުރުބަލި ހުރިތޯ ބަލަން އާއްމުކޮށް ސްކްރީން ކުރަނީ ވެސް ފަލަކޮށް ތިބޭ މީހުން ކަމަށް ވާތީ އާދައިގެ ބަރުދަން ހުންނަ މީހުން ހަކުރަށް ޓެސްޓްކުރުމަށް ގައިޑްލައިނެއް ނެތުމުގެ ކަންބޮޑުވުން ޑރ. މައިނޮސް ފާހަގަކުރެއްވި އެވެ. އަދި މިއީ ކުރިޔަށް އޮތް ތަނުގައި ހަކުރުބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން މެދުވެރިވާނެ ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ބަނޑުގައި މަސްޖަހާފައި ތިބޭ މީހުން އާއްމުކޮށް ހަކުރުބައްޔަށާއި ކާޑިއޮވެސްކިއުލާ ބަލިތަކަށް ޓެސްޓްކޮށް ހަދަ އެވެ. ނަމަވެސް މިފަހަރު ހަދާފައިވާ ދެ ދިރާސާއިން ވެސް ދައްކަނީ ބަނޑު ހުންނަންވާ ވަރަށް ވުރެ ތަންކޮޅެއް ބޮޑުވިޔަސް އެއީ ހަކުރުބަލީގެ ނިޝާނަކަށް ނުވާ ކަމަށެވެ.
ނަމަވެސް ގްލާސްގޯ ޔުނިވަސިޓީގެ ޕްރޮފެސަރު ނާވީދު ސައްތާރު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ޓައިޕް 2 ޑައިބެޓީސް ޖެހުމުގައި އެމީހާގެ ބަރުދަނަކީ މުހިއްމު ބައެއް ކަމަށެވެ.
"މައްސަލައަކީ ބަރުދަން އިތުރު މީހުންނަކީ މީގެ އެންމެ ނާޒުކު މީހުންކަން. ނަމަވެސް ބަލި ޖެހުމުގެ ވަކި ވަކި މީހުންނަށް ދިމާވާނީ ތަފާތު ގޮތްގޮތް. އެންމެންނަށް އެއްގޮތެއް ދިމަލެއް ނުވާނެ،" ޕްރޮފެސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް މީހުން ޖެނެޓިކަލީ އުފެދިފައި ތިބޭ ގޮތުން އެ މީހުންގެ ހަންގަނޑުގެ ދަށުގައި ސަރުބީ ޖަހާއިރު އަނެއްބައި މީހުންގެ ހަށިގަނޑުގެ މެދާއި ލިވާ އަދި ޕެންކްރިއަސްގައި ފަސޭހައިން ސަރުބީ ޖަހާ ކަމަށެވެ. އަދި މިފަދަ މީހުންނަށް ހަކުރުބަލި މާ ފަސޭހައިން ޖެހޭކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.
ލިވާ އާއި ޕެންކްރިއަސް އަކީ އިންސިއުލިން އުފައްދާދޭ ތަންތަނަށް ވާއިރު އެތަންތަނުގައި ސަރުބީ ޖެހުމުން ހަށިގަނޑުން ހަކުރު މެޓަބޮލައިޒްކުރުމުގެ މަސައްކަތަށް ހުރަސްތައް ކުރިމަތިވެ އެވެ.
މިހެން މިކަން ދިމާވާ ސަބަބު ހޯދަން އިތުރު ދިރާސާ ކުރަން ޖެހޭ ކަމަށް ވެސް ޕްރޮފެސަރު ވިދާޅުވި އެވެ.
ބަރުދަން އާދައިގެ ވަރެއްގައި ހުންނަ މީހުންނަށް މެދުވެރިވާ މައްސަލައަކީ ސަރުބީ މިގޮތަށް ޕެންކްރިއަސް އާއި ލިވާ ފަދަ ތަންތަނުގައި ޖެހުން ކަމަށް ވެދާނެކަމަށާއި ނޫން ނަމަ ޕެންކްރިއަސްގައި އިންސިއުލިން އުފެއްދުމުގެ ގާބިލްކަން ކުޑައީ ކަމަށް ވެދާނެ ކަމަށް ވެސް ޕްރޮފެސަރު ވިދާޅުވެފައިވެ އެވެ.
ޑައިބެޓީސް ޔޫކޭ އިން ބުނާ ގޮތުގައި އެ ގައުމުގެ ރައްޔިތުންގެ ތެރެއިން 850،000 މީހުންނަކީ ބަލި ހުރި ނަމަވެސް ބަލި ހުރިކަން ނޭނގޭ މީހުންނެވެ. އަދި އެވްރެޖްކޮށް ކޮންމެ މީހަކަށް ވެސް ބަލި ޖެހުމުގެ 10 ވަރަކަށް އަހަރު ކުރިއްސުރެ ނިޝާންތައް ފެންނަމުންދާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ބަލި ޖެހިފައިވާކަން އެނގޭއިރު ހުންނަނީ އެ ބައްޔާ ގުޅިގެން ދިމާވާ އިތުރު މައްސަލަތަކުގެ ތެރެއިން ލޯ ފުސްވުމާއި ހިތުގެ ބަލިތައް ފަދަ މައްސަލަތައް ފެށިފަ އެވެ.