20 މާޗް 2018 - 16:02

ލަންޑަން (މާޗް 20) - ޖޫން މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ބްރެޒިލް ގައުމީ ޓީމުގެ ތައްޔާރީތައް ކުރިއަށްގެންދަން އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްގެ ޓްރެއިނިން ފެސިލިޓީސް ބޭނުންކުރަން ނިންމައިފި އެވެ.
ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލުން މިހާރު ވަނީ މެއި މަހު 28 އިން ފެށިގެން ޓޮޓެންހަމްގެ ޓްރެއިނިން ވަސީލަތްތައް ބޭނުންކުރުމަށް ނިންމައި، އެ ޓީމާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
"ޓޮޓެންހަމް ޓްރެއިނިން ވަސީލަތްތަކަކީ މި ވަގުތު ލަންޑަންގައި ލިބެން ހުރި އެންމެ ރަނގަޅު ވަސީލަތްތައް. ޓޮޓެންހަމް ޓްރެއިނިން ސެންޓަރުގައި ރަނގަޅު ފެންވަރުގެ ޖިމަކާއި ސްވިމިން ޕޫލް އަދި އޮފިޝަލް ސައިޒުގެ ދެ ފުޓްބޯޅަ ދަނޑުގެ އިތުރުން ސެންޓަރުގެ ތެރޭގައި ރަނގަޅު ފެންވަރުގެ ހޮޓަލެއް އެބަހުރި،" ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ.
ޓޮޓެންހަމްގެ ޓްރެއިނިން ސެންޓަރަކީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ނަގާފައި މި ވަގުތު ޔޫރަޕްގައި އެންމެ ޒަމާނީ ވަސީލަތް ގިނަ ޓްރެއިނިން ސެންޓަރެވެ.
ވޯލްޑް ކަޕްގެ ކުރިން ބްރެޒިލުން އެކުވެރި ކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ނިންމައިފަ އެެވެ. އެއީ ޖޫން 3 ވަނަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް އިންގްލެންޑުގައި ކުޅޭ މެޗާއި ޖޫން 10 ވަނަ ދުވަހު އޮސްޓްރިއާއާ ދެކޮޅަށް ވިއޭނާގައި ކުޅޭ މެޗެވެ. ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗު ބްރެޒިލުން ބޭނުންވަނީ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭށެވެ. އެހެން ނަމަވެސް އިންގްލެންޑް ގައުމީ ޓީމުން އެ މުއްދަތުގެ ތެރޭގައި މެޗެއް ރާވައިފިނަމަ އުނދަގޫތަކެއް ކުރިމަތިވާނެތީ ރަސްމީކޮށް ބްރެޒިލް މެޗު ކުޅޭނެ ތާރީހެއް ނުނިންމަ އެވެ.
ވޯލްޑް ކަޕްގައި ބްރެޒިލް އޮތީ ސްވިޒަލެންޑާއި ކޮސްޓަ ރިކާ އަދި ސާބިއާއާ އެއް ގްރޫޕެއްގަ އެވެ. އަންނަ ހަފްތާގައި ބްރެޒިލް ކުޅޭ އެކުވެރިކަމުގެ ދެ މެޗުގައި ނުކުންނާނީ ރަޝިއާ އާއި ޖާމަނީއާ ދެކޮޅަށެވެ.