އަނގޮޓި އެޅުމުގެ ބަދަލުގައި "އިނގިލީގައި އިންދަނީ"
އަނގޮޓި އެޅުމުގެ ބަދަލުގައި "އިނގިލީގައި އިންދަނީ"

އިނގިލީގައި އޮންނަ އަނގޮޓި ނަގާފައި، އެ ބޭއްވުނު ތަނެއް ނޭނގިގެން އެތަންމިތަން ހާވާ މީހުން މަދެއް ނޫނެވެ. މިއޮތީ އެކަހަލަ މީހުންނަށް ހައްލަކަށް ވެދާނެ އެވެ.

އިސްޓަގްރާމްގެ ތެރެއިން ޓްރެންޑުވަމުން އަންނަ އާ ހިޔާލުތަކުގެ ތެރެއިން އެއް ކަމަކީ އިނގިލީގައި އަނގޮޓި އެޅުމުގު ބަދަލުގައި އިނގިލީގައި "އަނގޮޓި އިންދުމެވެ." މިކަން ވައިގައި ހިފައި ޒުވާނުންގެ މެދުގައި އަންނަނީ ފެޝަނަކަށް ވެސް ވަމުންނެވެ. ވަކިން ހާއްސަކޮށް، އެންގޭޖްމަންޓް ނުވަތަ ކައިވެނީގެ އަނގޮޓީ އެއްގޮތަކަށް ވެސް އިނގިލިން ބާލަން ބޭނުން ނުވާ މީހުންނަށް މިއަށްވުރެ ވަކި ރަނގަޅު ގޮތެއް ނޯންނާނެ އެވެ.

އިނގިލީގައި އަނގޮޓި "އިންދުމުގެ" ޓްރެންޑާ އެކު، މިއީ އެއްގޮތަކުން ހަރަދު ކުޑަ ގޮތަކަށް ވެސް ވެދާނެ އެވެ. ސަބަބަކީ އަނގޮޓީގައި އިންނަ ބޮޅު ބޭކާރު އެއްޗަކަށްވާތީ އެވެ. އޭގައި މުހިއްމު ވަނީ އަނގޮޓީގައި އިންނަ އަގު ބޮޑު ޖަވާހިރާއި އަލިމަސް ފަދަ ތަކެއްޗެވެ.

ހަދަން ޖެހޭ ގޮތަކީ ޖަވާހިރާއިި އަލިމަސް، އަނގޮޓި އަޅަން ބޭނުންވާ އިނގިއްޔަށް "އިންދަނީ" އެވެ. ނުވަތަ އިނގިލީގެ ތެރެއަށް ތޮރުފާލައިގެން ވައްދަނީ އެވެ. މަތިން ފެންނަނީ ހަމައެކަނި ޖަވާހިރު ނުވަތަ އަލިމަހެވެ. ބަލާބެލުމަށް ހީވާނީ ތަތްކޮށްފައި ހުރި އެއްޗެއްހެންނެވެ.

މިކަމާ ބެހޭ ގޮތުން ޑާމަލް ޕިއާޒިންގެ ތަޖުރިބާކާރެއް ކަމަށްވާ ބިލީ ޑިބެރީ، ޕީޕަލް އަށް ބުނީ "އިންދާ އަނގޮޓި" ވަރަށް ގިނަ ދުވަހަށް އިނގިލީގައި ހިފަހައްޓާނެ ކަމަށެވެ. އަދި މިއީ ރައްކާތެރި ޕްރޮސީޖާއެއްގެ ދަށުން ކުރާ ކަމަކަށްވާތީ "އަނގޮޓި އިންދަން" ބިރު ގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުންޏެވެ.

"މިއީ ހަމަ ކަންފަތް ނުވަތަ ނޭފަތް ތޮރުފުން ކަހަލަ ކަމެއް، " އޭނާ ބުންޏެވެ. "އަދި މިގޮތަށް އަނގޮޓި އެޅުވި ނަމަވެސް، މިއީ ވަރަށް ފަސޭހައިން އެ ނެގޭ ގޮތަށް ކުރާ ކަމެއް."

ބިލީ ބުނީ އިންސްޓަގްރާމްގައި މި ޓްރެންޑް މިހާރު ވައިގައި ހިފައިގެން އުޅުނަސް މިއީ އެހާ އާ ކަމެއް ނޫން ކަމަށެވެ.

"މީގެ ދިހަ އަހަރުން ކުރިން ވެސް މިގޮތަށް އަނގޮޓި އަޅާ މީހުން އެބަތިބި. މިހާރު މިގޮތް އެހާ ބޮޑަށް ޓްރެންޑްވެގެން އުޅެނީ ސޯޝަލް މީޑިއާގެ ސަބަބުން،" ބިލީ ބުންޏެވެ.

ފާހަގޮށްލެވޭ އަނެއް ކަމަކީ "އަނގޮޓި އިންދުން" މިހާރު ފިރިހެނުންގެ މެދުގައި ވެސް މަޑުމަޑުން މަގުބޫލުވަމުން އަންނަ ކަމެވެ.