20 މާޗް 2018 - 14:27

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ކުރަނީ، ކުޑަ ތުހުމަތުތަކެއް ނޫނެވެ؛ ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮތްއިރު، ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލު އުފެދި، އިތުބާރުގެ މައްސަލަ މިއޮތީ ކުރިމަތިވެފަ އެވެ.

މިނިވަން މުއައްސަސާއެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އީސީއަކީ މި ސަރުކާރުގެ "ގޮނޑި ކޮއްކޮ" ކަމަށް، އެއް ބަޔަކު ބުނަން ޖާގަ ދިނީ ކޮމިޝަނުން އަމަލުކުރަމުން ދިޔަ ގޮތުންނެވެ. ޚާއްސަކޮށް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި އާއި ޕީޕީއެމްގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގަ އެވެ. އެ ހަގީގަތް ބަދަލެއް ނުވެ އެވެ. ނޫސްވެރިންގެ އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ ވެސް އެހެންވެ އެވެ.
މިއަދު އީސީގެ މެމްބަރުން ނޫސްވެރިންނާ އެކު ބޭއްވެވީ ކޮފީ ބައްދަލުވުމެކެވެ. މި ކޮފީގެ ބޭނުން ވެސް އީސީއަށް ކުޑައެއް ނޫނެވެ. މީޑިއާގެ ފާޑުކިއުންތައް ކޮމިޝަނުން ބަލައިގެންފި ކަން ގަބޫލުކޮށް، ގުޅުން ބަދަހިކުރުމަކީ އެއް ސަބަބެވެ. އަނެއް ސަބަބަކީ ކުރިއެކޭ އެއްގޮތަށް، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދީ "ހިމޭނުން އޮވެގެން" މޮޅެއް ނެތް ކަން ކޮމިޝަނަށް ގަބޫލުކުރެވުމެވެ.
ކުރިއަށް އޮތީ ރިޔާސީ އިންތިހާބެވެ. އެހެންކަމުން އީސީގެ މި ތަފާތު ބައްދަލުވުމަކީ، ރަނގަޅު ފެށުމެއް ކަމަށް އެއް ބަޔަކު ދެކެ އެވެ.
ފުރަތަމަ ކަމަކަށް، އެއްވެސް މީޑިއާއެއް ތަފާތު ނުކޮށް ހުރިހާ އެންމެންނަށް ދައުވަތު ދިނުމެވެ. އެކަމަކު އީސީން މިހާތަނަށް ކަންތައް ކޮށްފައިވާ ގޮތުން، ހިތްހަމަނުޖެހިގެން ބައެއް މީޑިއާތައް ނުދެ އެވެ. އީސީގެ ފޮރުވާފައި އޮތް ނިޔަތަކީ އިންތިހާބާ ދިމާކޮށް ނޫސްވެރިން އަތުއެޅުވުން ކަމަށް ގަބޫލުކޮށްގެންނެވެ.
ސިޓްރޮންގައި ބޭއްވި އެ ކޮފީ އަށް ދިޔަ ނޫސްވެރިންނަށް މަރުހަބާ ދެންނެވީ، އީސީގެ ހަތަރު މެމްބަރުންނާ އެކު ކޮމިޝަންގެ އާ ރައީސް އަހްމަދު ޝަރީފެވެ. ބައްދަލުވުން ވަރަށް ނުރަސްމީ އެވެ.
ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ސުލައިމާންގެ ދައުރުގައި، ނޫސްވެރިންނަށް ކުރިމަތިވި ގޮންޖެހުންތަކާއި ޝަކުވާތައް ހުށަހަޅަން ފުރުސަތު ލިބުނެވެ. އެއަށް ފަހު، މީޑީއާތަކާ އޮންނަ ގުޅުން ބަދަހިކުރަން، އީސީން ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް މެމްބަރުން އޮޅުން ފިލުއްވި އެވެ.
އެންމެ ބޮޑު ޔަގީންކަމެއް ދިނީ، ނޫސްވެރިންނާ އެކު ގާތް ގުޅުމެއް ބާއްވާނެ ކަމުގެ އެވެ. މައުލޫމާތުތައް ފޯރުކޮށްދިނުމުގައި އެއްވެސް ފޮރުވުންތަކެއް، ދަތިތަކެއް ކުރިމަތި ނުކުރާނެ ކަމުގެ ޔަގީން ކަން ވެސް ދިނެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ނޫސްވެރިންނާ އެކު ބަދަހި ގުޅުމެއް، ނޫސްވެރިން ބޭނުންވާ މައުލޫމާތުތަކުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނަށް ހާމަކުރެވެން ހުރި ހުރިހާ މައުލޫމާތުތަކެއް ފޯރުކޮށްދޭނެ،" ޝަރީފް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ މިނިވަންކަމާ ދޭތެރޭގައި ކުރާ ތުހުމަތަކާ ހެދި ނޫސްވެރިންގެ ހިތުގައި ސުވާލުތައް ހުންނާނެ ކަން ގަބޫލުކުރައްވައި ޝަރީފް ވަނީ އެއަށް ވެސް ޖަވާބު ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބާއްވާ ރިޔާސީ އިންތިހާބުގެ ހުރިހާ ކަމެއް ވެސް ކުރިއށް ދާނީ ގާނޫނީ އިމުގެ ތެރެއިން ވަރަށް މިނިވަން އަދި އިންސާފުވެރިކޮށް ކަމަށެވެ. ރައްޔިތުންނަށް އަދި ނޫސްވެރިންނަށް ވެސް ކަންކަން ބަލައި، އިންތިހާބު މޮނިޓަކުރުމުގެ ފުރުސަތު އޮތް ކަން ފާހަގަކުރެއްވި އެވެ. އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، އިލެކްޝަންސްގެ ވިސްނުމަކީ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭއްވުމެވެ.
އެއާއެކު، އިންތިހާބާ ގުޅިގެން އިލެކްޝަނުން ގެންގުޅޭ ވިސްނުމެއް ވެސް ހިއްސާކޮށްދެއްވި އެވެ.
"އަޅުގަނޑުމެން މިފަހަރު މިއުޅެނީ ސޯޝަލް ގެދަރިންއެއްގެ ގޮތުގައި އިންތިހާބު ކުރިއަށް ގެންދަން. އެހެން ބައެއް ގައުމުތަކުގައި ވެސް އިންތިހާބު ކުރިއަށް ގެންދާނީ ވަރަށް އުފާވެރިކޮށް،" ޝަރީފް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ދެއްކެވީ، ކޮރެއާގެ ރިޔާސީ އިންތިހާބެވެ. އެ އިންތިހާބުގެ ނަމަކަށް ވެސް ކީ "ބިއުޓިފުލް އިލެކްޝަން" ކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި އަބަދުވެސް ފެންނަނީ ސީރިއަސްކަން ކަމަށާއި އޭގެ ބަދަލުގައި އިންތިހާބުތައް އުފާވެރިވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އިންތިހާބުތަކުގައި ނޫސްވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ. އެގޮތުން މިފަހަރުގެ އިންތިހާބުގައި ނޫސްވެރިންނަށް ކުރިމަތިވެދާނެ ދަތިތަކާއި، ހައްލު ހޯދޭނެ ގޮތްތައް ވެސް ވިދާޅުވެ ދެއްވި އެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންގެ ޕާޓްނަރުންގެ ގޮތުގައި ދެކޭނީ މީޑިއާ. މީޑިއާތަކުން، ހުށަހަޅާ ކަންކަމަށް ހައްލު ހޯދައިދީ، މައުލޫމާތު ދޭން ވަކި އިންތިޒާމްތަކެއް ވެސް ހަމަޖައްސައިދޭނަން،" ޝަރީފް ވިދާޅުވި އެވެ.
ނޫސްވެރިންގެ ކޮފީގައި، ކޮމިޝަންގެ މެމްބަރުން ދެއްކެވި ވާހަކަތައް ގޯހެއް ނޫނެވެ. ދެން އޮތީ އެ ވާހަކަތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމެވެ. ނޫސްވެރިންގެ ޒިންމާއަކީ އެއީ އެވެ. މި ބައްދަލުވުމުގައި ދިން ޔަގީންކަމާ އެއްގޮތަށް އަމަލު ނުކުރާ ނަމަ، އީސީން ހިތްހަމަ ނުޖެހުނަސް އެ ވާހަކަތައް ނޫސްވެރިން ލިޔާނެ އެވެ.
ކޮމިޝަނުގެ މިސްރާބު "ރަނގަޅާ" ދިމާލަށް އަމާޒު ހިފާފައި ހުރި އިރު އެންމެ ފުރަތަމަ ނޫސްވެރިން މުހިއްމުވީ ވެސް ސަބަބުތަކެއް ހުރީމަ އެވެ. ނޫސްވެރިން އެކަންޏެއް ނޫނެވެ. މިފަދަ ތަފާތު ބައްދަލުވުންތައް އެހެން މުއައްސަސާތަކާ އެކު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
"ސިޔާސީ ޕާޓީތަކާއި އެހެން މުއައްސަސާތަކާ އެކު ވެސް އަޅުގަނޑުމެން މިފަދަ ބައްދަލުވުންތައް ބާއްވާނަން،" މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި އެވެ.
ނޫސްވެރިންނާ އެކު އީސީން ބޭއްވި ކޮފީން ނުކުތީ، ކޮމިޝަނުން ފާހަގަކުރި އެތައް ޕޮއިންޓެއް ނޯޓުކޮށްގެންނެވެ.