ސަރުކާރު ވައްޓާލުމުގެ މަސައްކަތުގައި ބޭރުގެ އަތެއް ނުވޭ: ސަފީރު
ސަރުކާރު ވައްޓާލުމުގެ މަސައްކަތުގައި ބޭރުގެ އަތެއް ނުވޭ: ސަފީރު

ސަރުކާރު ވައްޓާލަން އަމުރެއް ނެރެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކަށް ރިޝްވަތުދިނުމުގައި ބޭރުގެ އެއްވެސް ގައުމެއް އަދި އެހެން އެޖެންސީއެއްގެ ބައިވެރިވުމެއް ވެސް ނެތް ކަމަށް ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އިއްޔެ ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގެ ފޮރިން ކޮރެސްޕޮންޑެންޓް އެސޯސިއޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކުރާ ތަހުގީގުން ބޭރުގެ އެއްވެސް ބައިވެރިވުމެއް އޮތް ކަން ހާމަނުކުރާ ކަމަށެވެ.

ސަރުކާރު ވައްޓާލަން އެމެރިކާއިން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވޭތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެފަދަ ކަމެއް ހިނގިކަން އެނގެން ނެތް ކަމަށެވެ.

މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކުގައި ސަރުކާރު ދިފާއުކުރައްވަން ރެ އާއި ދުވާލު އެންމެ ބޮޑަށް ވަކާލާތުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ އިސް ދެ މެމްބަރުން ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި އަހުމަދު ނިހާން ތަކުރާރުކޮށް ވިދާޅުވެފައި ވަނީ "ބަޣާވާތް" ގެންނަން ރާއްޖެ އިން ބޭރުން ވެސް އެހީތެރިވެފައިވާ ކަމަށެވެ.

މިދިޔަ މަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު އެންމެ ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރޭގައި ސުޕްރީމް ކޯޓު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހާމިދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ހިމެނެ އެވެ. އެ ތިން ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގަ އެވެ. އަދި އޭގެ ފަހުން ފުލުހުން ވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އަދި މައުމޫނާ ދެކޮޅަށް، ހެކި ނައްތާލުމުގެ ދައުވާ އުފުލައިފަ އެވެ.