20 މާޗް 2018 - 11:57

ފްލޮރެންސް (މާޗް 20) – ދާދި ފަހުން ކުއްލި ގޮތަކަށް މަރުވި ފިއޮރެންޓީނާގެ ކެޕްޓަން ޑޭވިޑޭ އެސްޓޯރީގެ ހަނދާނުގައި، އެ ކްލަބުގެ ޓްރެއިނިން ސެންޓަރުގެ ނަން އޭނާގެ ނަމަށް ބަދަލުކުރަން ނިންމައިފި އެވެ.
އެސްޓޯރީ މަރުވީ މި މަހުގެ 4 ވަނަ ދުވަހު އިޓާލިއަން އޭނާ އުދިނޭޒީއާ ދެކޮޅަށް ކުޅުމަށްޓަކައި ފިއޮރެންޓީނާ ޓީމު ކޭމްޕްކޮށްފައިވާ ހޮޓަލުގައި ނިދާފައި އޮއްވަ އެވެ.
ކްލަބުގެ ޗެއާމަން މާރިއޯ ކޮގްނިގްނީ ވިދާޅުވީ ޓްރެއިނިން ސެންޓަރަށް ކިޔަން ނިންމާފައިވަނީ "ސެންޓްރޯ ސްޕޯޓިވޯ ޑޭވިޑޭ އެސްޓޯރީ" ކަމަށެވެ. އެ ކްލަބުން ވަނީ އޭނާ ބޭނުންކުރި 13 ނަމްބަރު ޖާޒީ ވެސް އެ ކްލަބުގައި ދެން ބޭނުންނުކުރަން ނިންމައިފަ އެވެ.
މި މަހުގެ މާޗު މަހުގެ 8 ވަނަ ދުވަހު ބޭއްވި އޭނާގެ ޖަނާޒާ އަށް ފިއޮރެންޓީނާގެ އެތައް ހާސް ސަޕޯޓަރުން އެއްވެ އޭނާ އަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރި އެވެ. ޖަނާޒާގައި އިޓަލީގެ މަޝްހޫރު ކުޅުންތެރިން ވެސް ބައިވެރިވި އެވެ.
އަހުލާގު ރަނގަޅު، މަޑުމައިތިރި އަދި ވަރުގަދަ ލީޑަރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އެސްޓޯރީގެ މަރުވީ ފިއޮރެންޓީނާއާ އެކު އޭނާ ކޮންޓްރެކްޓް އާކުރަން ތައްޔާރުވެފައިވަނިކޮށެވެ.
އޭސީ މިލާނުގެ ޔޫތު ޓީމުން ތަމްރީންވި ހުނަރުވެރި އެސްޓޯރީ ވަނީ ކަލިއާރީ އާއި ރޯމާ އަށް ވެސް ކުޅެފަ އެވެ. އެސްޓޯރީ ވަނީ އިޓަލީ ގައުމީ ޓީމަށް 14 މެޗު ކުޅެދީފަ އެވެ. އެގޮތުން އިޓަލީން 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑޭރޭޝަންސް ކަޕުގެ ތިން ވަނަ ހޯދި ޓީމުގައި ވެސް ހިމެނުނެވެ. އެ ފަހަރު ތިން ވަނަ ހޮވި މެޗުގައި އުރުގުއޭ ކޮޅަށް އޭނާ ވަނީ ގޯލެއް ވެސް ޖަހައިފަ އެވެ.