20 މާޗް 2018 - 11:50

ވޮޝިންޓަން (މާޗް 20) - އަންހެނުންނަށް އިހްތިރާމް ކުރެވޭ ގޮތަށް ދީނީ ހަމަތަކުގެ މަތިން ހެދުން އަޅާނަމަ ކޮންމެހެން ކަޅު ކުލައިގެ އަބާޔާލުން ސައުދީ އަންހެނުންނަށް މަޖްބޫރު ނޫން ކަމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި މުހައްމަދަށް ވަލީ އަހުދުކަން މިދިޔަ އަހަރު ލިބިވަޑައިގެންނެވި ފަހުން ސައުދީ އަންހެނުންނަށް ވަރަށް ގިނަ ލުއިތައް ވަނީ ދޭން ފަށައިފަ އެވެ. އޭގެ ތެރޭގައި ކުޅިބަލަން އަންހެނުންނަށް ސްޓޭޑިއަމްތަކަށް ދިއުމުގެ ހުއްދަ ދިނުމާއި އަންނަ ޖޫން މަހުން ފެށިގެން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.
"ގާނޫނުތައް ވަރަށް ސާފު. ޝަރުއީ ހަމަތަކުގެ މަތިން އަންހެނުން ހެދުން އަޅާ ނަމަ މައްސަލައެއް ނެތް. އޭގެ މާނައަކީ ކޮންމެހެން ކަޅު ކުލައިގެ އަބާޔާލުމެއް ނޫން. އަންހެނުންނަށް އިހްތިރާމް ލިބޭ ގޮތަށް ހެދުން އެޅުމުގެ އިޚްތިޔާރު އަންހެނުންނަށް އޮންނާން ވާނެ،" ސީބީއެސް ޓީވީގައި ވާހަކަ ދައްކަވަމުން މުހައްމަދު،32، ވިދާޅުވި އެވެ.
ސައުދީ އަރަބިއާގެ ސީނިއާ ދީނީ އިލްމުވެރިއަކު ވެސް ދާދި ފަހުން ވަނީ އަންހެނުން އަބާޔާލުން ކޮންމެހެން މަޖްބޫރު ނޫން ކަމަށާއި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގަޔަށް ދޫ ހެދުމެއްލާ ނަމަ އެންމެ ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.
ސައުދީ އަންހެނުން ފަހަކަށް އައިސް ވަނީ ކަޅު ކުލައިގެ އަބާޔާގެ ބަދަލުގައި އެކި ކުލަކުލައިގެ އަބާޔާލާން ފަށައިފަ އެވެ.