"ބާރަތު" ގައި ސަލްމާން ހާނާ އެކު ޕްރިޔަންކާ ޗޯޕްޅާ؟
"ބާރަތު" ގައި ސަލްމާން ހާނާ އެކު ޕްރިޔަންކާ ޗޯޕްޅާ؟

ހޮލީވުޑްގައި މަސައްކަތް ކުރާ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ކުޅޭނެ ހިންދީ ފިލްމެއް ނިންމަން މިހާރު ހުރީ އިންޑިއާ އަށް ގޮހެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ ކުޅޭނެ ފިލްމެއް ނުވަތަ ފިލްމްތަކެއް މި ފަހަރު ކޮންމެހެން ވެސް ނިންމާނެ އެވެ.

އޭނާ ވަނީ ގިނަ ސްކްރިޕްޓްތަކެއް ކިޔަމުން އަންނަކަން އިސްޓަގްރާމް ޕޯސްޓެއްގައި ވެސް ބުނެފަ އެވެ. އެ ޕޯސްޓްގައި ސްކްރިޕްޓްތަކުގެ ފޮޓޯއަކާ އެކު، ޕްރިޔަންކާ ސުވާލުކޮށްފައި ވަނީ ހޮވާނީ ކޮން ސްކްރިޕްޓެއްތޯ އެވެ؟

ރިޕޯޓްތައް މިހާރު ބުނާ ގޮތުން "ޓައިގާ ޒިންދާ ހޭ" ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު އެޕްރީލްގައި ޝޫޓިން ފަށާ ސަލްމާން ހާންގެ "ބާރަތު" ގެ ބަތަލާގެ ރޯލް ވަނީ ޕްރިޔަންކާ އަށް ހުށަހަޅައިފަ އެވެ. ސަލްމާނާއި ޕްރިޔަންކާ މީގެ ކުރިން ވެސް ވަނީ އެކުގައި ފިލްމްތަކެއް ކުޅެފަ އެވެ.

އޭގެ ތެރޭގައި ގޯޑް ތުސީ ގްރޭޓް ހޯ (2008)، ސަލާމޭ އިޝްގް (2007) އަދި މުޖްސޭ ޝާދީ ކަރޯގީ (2004) ހިމެނެ އެވެ.

އަދި އަލީއާ އެކު ޕްރިޔަންކާ ވަނީ 2014 ގެ "ގުންޑޭ" ގައި ވެސް މަސައްކަތްކޮށްފަ އެވެ. "ބާރަތު" ގެ ބަތަލާގެ ރޯލް ޕްރިޔަންކާ ހުށަހެޅި ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، މިކަމާ ބެހޭ ގޮތުން އޭނާ ވެސް އަދި އަލީ ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު ސަލްމާނާ އެކު ޕްރިޔަންކާ އަލުން ބޮޑު ސްކްރީނުން ބަލައިލަން ލިބުމަކީ އެ ދެ ތަރިންގެ ފޭނުން ވަރަށް ބޭނުން ވާނެ ކަމެއްކަން ޔަގީނެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނުނު ހިންދީ ފިލްމަކީ 2016 ގައި ރިލީޒް ކުރި "ޖޭ ގަންގާޖަލް" އެވެ. އޭނާ އިންޑިއާ އަށް މިހާރު އައިސްފައި މި ވަނީ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ސީޒަން ތިނެއްގެ ޝޫޓިން ވެސް ނިންމާލުމަށް ފަހު އެވެ. އެ ސިލްސިލާ ދައްކަން ފަށާނީ އަންނަ މަހުގެ 25 އިން ފެށިގެންނެވެ.

އަދި ހޮލީވުޑްގެ ދެ ފިލްމެއްގެ މަސައްކަތް ވެސް ޕްރިޔަންކާ ވަނީ ނިންމައިފަ އެވެ. އެއީ މި އަހަރުގެ ސަންޑާންސް ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ކުރި "އަ ކިޑް ލައިކް ޖޭކް" އާއި "އިޒިންޓް އިޓް ރޮމޭންޓިކް" އެވެ.

ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ބޭވޮޗް" އެވެ.