20 މާޗް 2018 - 11:11

ވޮޝިންޓަން (މާޗް 20) - ޑްރަގު ޑީލަރުންނަށް މަރުގެ އަދަބު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.
ޑްރަގުގެ މައްސަލަ ބޮޑު ނިއު ހެމްޝަޔާގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ސަރުކާރުން ދަނީ ޑްރަގު ޑީލަރުންނަށް މަރުގެ އަދަބު ދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެކަމަކު ސިޔާސީ އަދި ޝަރުއީ ގޮތުން އެކަމަށް ހުރަސްތައް ކުރިމަތިވާނެ ކަމަށް ވިދާޅުވި އެވެ.
އެމެރިކާގައި 2.4 މިލިއަން ޑްރަގު އެޑިކްޓުން ތިބި ކަމަށްވެ އެވެ. ޑްރަގާ ގުޅުން ހުރި މައްސަލަތަކުގައި އެމެރިކާގައި 2016 ވަނަ އަހަރު 63،600 މީހުން މަރުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.
"ޑްރަގު ޑީލަރުންނާ މެދު އަޅުގަނޑުމެން ހަރުކަށި ނުވެއްޖެ ނަމަ އަޅުގަނޑުމެން އެދަނީ ވަގުތު ބޭކާރު ކުރަމުން،" ނިއު ހެމްޝަޔާގެ މެންޗެސްޓާގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "އެ ހަރުކަށި ކަމަކީ މަރުގެ އަދަބު."
ވައިޓް ހައުސް އިން ބުނީ މިހާރު ހުރި ގާނޫނުތަކުގެ ތެރޭން ވެސް، ޑަރަގު ޑީލަރުންނަށް މަރުގެ އަދަބު ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ޖަސްޓިސް ޑިޕާޓްމަންޓުން ބަލާނެ ކަމަށެވެ. ޑްރަގާ ގުޅުން ހުރި ކަންކަމުގައި މީހަކު މަރާލައިފި ނަމަ އެމެރިކާގައި މަރުގެ އަދަބު ދެވެ އެވެ.
ޓްރަމްޕް ވިދާޅުވީ ގާނޫނުތަކަށް ބަދަލުތައް އަންނަން ޖެހޭ ކަމަށާއި ޖަސްޓިސް ޑިޕާޓްމަންޓުން އެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ގާނޫނުތަކަށް ބަދަލު ގެނެވޭނީ ކޮންގްރެސް އަށެވެ.
ޓްރަމްޕް ކުރިން ވަނީ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެގެ ޑްރަގާ ދެކޮޅު ހަނގުރާމަ އަށް ތާއީދުކުރައްވައިފަ އެވެ. ފިލިޕީންސްގައި ޑްރަގް ބޭނުންކުރާ މީހުން ޝަރީއަތަކާ ނުލައި މެރުމަށް ޑުޓާޓެ ވަނީ އަންގަވައިފަ އެވެ. ޑުޓާޓެ ވެރިކަމަށް ވަޑައިގެންނެވި ފަހުން 4،100 ޑްރަގު ޑީލަރުން މަރާފައިވާ ކަމަށްވެ އެވެ.