20 މާޗް 2018 - 13:54

ގދ. ގައްދޫގައި ދިރިއުޅެމުން އަންނަ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރި އަންހެނަކު ބެލެހެއްޓޭނެ ގޮތެއް ނެތި، އުނދަގޫތައް ކުރިމަތިވުމުގެ ޝަކުވާ އާންމުން ކުރަމުން ދާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
އުމުރުން 30 އަހަރުގެ އެ އަންހެންމީހާ ރުޅިގަދަވެ އަމިއްލަ ހަށިގަނޑަށާއި އެހެން މީހުންނަށް ވެސް އަނިޔާވެރި ހަމަލާތައް ދޭ ކަމަށް، ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެ އެވެ.
ގައްދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ފަހަކަށް އައިސް އެމީހާ ބަރަހަނާ ހާލުގައި މަގުމައްޗަށް ވެސް ނުކުމެ އުޅޭ ކަމަށެވެ. އެއީ އާންމުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ރަށުގައި އަންހެން ފުލުހުންނެއް ނުތިބޭ. މައްސަލަ ހުށަހެޅިޔަސް ކީއްތޯ ކުރާނީ؟" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
މީގެ ކުރިން އޭނާ ބަލަހައްޓަމުން ގެންދިޔައީ އޭނާގެ މަންމަ އެވެ. ނަމަވެސް އުމުރުން 74 އަހަރުގެ މަންމަ އަށް ބެލޭވަރަށް ވުރެ އޭނާގެ އަމަލްތައް ނުރައްކާ ކަމަށް، އާއިލާ އިން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ. އަންހެންމީހާ އާންމުކޮށް ގެންގުޅުނީ އައްސައިގެން ކަމަށް ވެސް ވެ އެވެ.
އެއްބަނޑު އެއްބަފާ ހަތަރު އަންހެނުންނާއި ފިރިހެނަކު ތިބި ނަމަވެސް އެ މީހުންނަށް ވެސް އޭނާ ނުބެލެހެއްޓެނީ އަނިޔާވެރިކަން ބޮޑުވުމާއި ބަރަހަނާވާތީ ކަމަށް، އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"މަންމަގެ މޫނު މަތީގައި ވެސް ހުސް ލަކުނު. ދަތް އަޅާ، ވަކި އަޅުވާ ހަދާފައި. މަންމައަށް ވެސް، ގޭ އެހެން މީހުންނަށް ވެސް ހަމަލާ ދެނީ. އަޅުގަނޑުމެންނަށް ބެލޭވަރެއް ނޫން މިހާރަކު،" އޭނާ ބުންޏެވެ.
"އަޅުގަނޑުމެންގެ ގޭގޭގައި ފިރިހެން ކުދިން ވެސް އުޅޭ. އެކުދިން ކުރިމަތީގައި ބަރަހަނާ ވީމާ ކިހިނެއް ބަލަހައްޓާނީ؟"
އުމުރުން 14 އަހަރު ވަންދެން އަންހެންމީހާ އަށް ފަރުވާދިނެވެ. އެކަމަކު އޭގެ ފަހުން އެއްވެސް ފަރުވާއެއް ނުދޭ ކަމަށް އާއިލާ އިން ބުނެ އެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް އަންހެންމީހާ ގެންދެވޭނެ ގޮތެއް ހޯދަން އާއިލާ އިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ ޑޮކްޓަރުގެ ލިއުމާއި އާއިލާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ވެސް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"މަހެއް ވެއްޖެ އަޅުގަނޑުމެން އެކަން ހުށަހެޅިތާ. ޖެންޑާއިން ބުނީ މަސައްކަތް ކުރަމުންނޭ އަންނަނީ،" އޭނާ ބުންޏެވެ.