21 މާޗް 2018 - 06:36

ބަލްގޭރިޔާގައި މިހާރު ޝޫޓް ކުރަމުން އަންނަ ފިލްމް "ބުރައްމަސްތުރާ" ގެ އެކްޝަން މަންޒަރެއް ޝޫޓް ކުރަނިކޮށް ބަތަލާ އާލިއާ ބަޓްގެ ކޮނޑަށް އަނިޔާވެގެން އޭނާގެ މަންޒަރުތައް މަޑުޖައްސާލަން ޖެހިއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އާލިއާގެ ކޮނޑަށް ލިބުނު އަނިޔާއާ އެކު، ދެ ހަފުތާ އަށް އަރާމުކުރަން ޑޮކްޓަރު ވަނީ ލަފާ ވެސް ދީފަ އެވެ. އެހެންވެ އެއްކޮށް ރަނގަޅުވެގެން ނޫނީ އަލުން އާލިއާ، 25، ގެ މަންޒަރުތަކެއް ނުފެށޭނެ އެވެ.
"ޔެ ޖަވާނީ ހޭ ދީވާނީ" އާއި "ވޭކް އަޕް ސިދް" ބެލުންތެރިންނަށް ގެނެސް ދިން ޒުވާން ޑައިރެކްޓަރު އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ "ބުރައްމަސްތުރާ" އަކީ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފެންޓަސީ އެޑްވެންޗަ ފިލްމެކެވެ.
ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ މި ފިލްމްގެ ޝޫޓިން ބަލްގޭރިޔާގައި ކުރިއަށްދާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އާލިއާ އާއި ފިލްމްގެ ބަތަލު ރަންބީރް ކަޕޫރް ބަލްގޭރިއާ އަށް ދިޔައީ، ފިލްމްގެ ޓްރޭނިންތަކެއް އިޒްރޭލުގައި ވެސް ހެދުމަށް ފަހު އެވެ. "ބުރައްމަސްތުރާ" ވެގެން ދާނީ އާލިއާ އާއި ރަންބީރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
ތިން ބަޔަކަށް ބަހަލާއިގެން ގެނެސްދޭ ފިލްމްގެ ފުރަތަމަ ބައި ސިނަމާތަކަށް އަންނާނީ އޮގަސްޓް، 15، 2019 ގަ އެވެ. މި ޓްރިލޮޖީ ގެނެސްދީ ނިންމާނީ އަށް އަހަރުގެ ތެރޭގަ އެވެ.
"ބުރައްމަސްތުރާ" ގެ ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން އާއި ޓީވީ ބަތަލާ މޯނީ ރޯއި ވެސް ހިމެނެ އެވެ. އެކަމަކު އަމީތާބް "ތަގްސް އޮފް ހިންދުސްތާން" ގެ މަސައްކަތް ކުރަމުން އަންނާތީ، "ބްރައްމަސްތުރާ" ގެ ކްރޫއަކާ އަދި ނުގުޅެ އެވެ.