21 މާޗް 2018 - 06:32

އިންސާނުން ހިނގާ ގޮތަށް ދެ ފައިމައްޗަށް ގޮރިއްލާ ކޮޅަށް ތެދުވެ ހިނގުމަކީ އެހާ އާންމު ކަމެއް ނޫނެވެ. އެކަމަކު ލުއިސްގެ ނަން ދީފައިވާ މި ގޮރިއްލާގެ ވާހަކަ މުޅިން ތަފާތެވެ. އުމުރުން 18 އަހަރުގެ ލުއިސް ހިނގާފައި ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވައިރަލްވެ، ގިނަ ބައެއްގެ ސަމަލާކުން ވަނީ ލިބިފަ އެވެ.
ލުއިސް ގެންގުޅެނީ އެމެރިކާގެ ފިލަޑެލްފިއާގެ ޒުލެއްގަ އެވެ. އެ ތަނުން އާންމުކުރި ވީޑިއޯ ހާއްސަވި ސަބަބަކީ އަހަރެމެން އިންސާނުން ހިނގާ ގޮތާ ހަމަ ދާދި އެއްގޮތަށް ލުއިސް ހިނގާތީ އެވެ.
އެ ވީޑިއޯއާ އެކު ފިލަޑެލްފިއާ ޒޫ އިން ބުނީ ލުއިސް "އަހަރެމެންނާ އެއްގޮތަށް ހިނގަނީ އަތަށް ކާ އެއްޗެއް އަރައި ނުވަތަ ބިންމަތި ހަޑިވެފައި އޮންނަ ނަމަ އެކަމުން ސަލާމަތްވާން ވެގެން" ކަމަށެވެ. އެ ވީޑިއޯގައި ފެންނަނީ ލުއިސް ދެ އަތަށް ދެ އާފަލު ލައިގެން ވަރަށް ހަލުވިކޮށް ހިނގާފައި ދާ ތަނެވެ.
ޒުލުން ބުނި ގޮތުގައި ލުއިސްއަކީ އަބަދު ވެސް ވަރަށް ސާފުތާހިރު ކަމަށް ލޯބި ކުރާ ގޮރިއްލާއެކެވެ. އަދި ބިންމަތި ޗަކަވެ، ހަޑިވެފައި އޮންނަ ނަމަ އޭތި ހަތަރެސްފައި ޖަހައިގެން ނޯންނަ ކަމަށް ބުންޏެވެ.
"ދެ ފައިމައްޗަށް ހުރެ ގޮރިއްލާ ހިނގާ މަންޒަރު ފެނުމަކީ އެހާ އާ ކަމެއް ނޫން. އެކަމަކު ލުއިސް ހިނގާ ގޮތް މާ ބޮޑަށް ވެސް ތަފާތީ،" އިސްކޮޅުގައި ހަ ފޫޓު އަދި ބަރުދަނުގައި 200 ކިލޯ ހުރި ލުއިސްއާ ބެހޭ ގޮތުން ފިލަޑެލްފިއާ ޒުލުގެ އޮފިޝަލަކު ބުންޏެވެ. "އެންމެ ބޮޑު ތަފާތަކީ ހަމަ އިންސާނަކާ ދާދި އެއްގޮތަށް ވަރަށް ސީދަލަށް ކޮޅަށް ހުރެގެން އައިބު ކަމެއް ނެތި ހިނގާތީ."
ލުއިސްގެ ވީޑިއޯ މަޖާވެގެން ވަރަށް ގިނަ މީހުން ކޮމެންޓްކޮށްފައިވެ އެވެ. އަދި މިއީ "ޕްލެނެޓް އޮފް ދި އޭޕްސް" ފަދަ ފިލްމްތަކުން ލިބިދޭ ފިލާވަޅުން، އިންސާނުން އިބުރަތް ހާސިލް ކުރަންވީ ވަގުތު ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ބައެއް މީހުން ވަނީ ލުއިސްގެ ވީޑިއޯއަކީ ފޭކެއް ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އެއް ބަޔަކު ބުނަނީ އެއީ ގޮރިއްލާއެއްގެ ކޮސްޓިއުމް އަޅުވާފައި ހުރި މީހެއް ކަމަށެވެ.