ކަނދުރާގައި ރިއްސާ ނަމަ ކުރެވިދާނެ ބައެއް ކަސްރަތު
ކަނދުރާގައި ރިއްސާ ނަމަ ކުރެވިދާނެ ބައެއް ކަސްރަތު

ކަނދުރާގައި ރިއްސުމުގެ ޝަކުވާ ވަރަށް ގިނަ މީހުން ކުރެ އެވެ. ކަރުގެ މަސްތައް ވަރަށް ބުރަކޮށް މަސައްކަތް ކުރެ އެވެ. ޚާއްސަކޮށް މިޒަމާނުގައި ގިނަ މީހުން ރެއަކާ ދުވާލު ގިނަ ވަގުތުތައް ކޮމްޕިއުޓަރު ސްކްރީނަށް ބަލަހައްޓައިގެން އިސްޖަހައިގެން ތިބޭއިރު އެވެ.

ކަނދުރާގައި ރިއްސާ ނަމަ ކުރެވިދާނެ ބައެއް ކަސްރަތު
ކަނދުރާގައި ރިއްސާ ނަމަ ކުރެވިދާނެ ބައެއް ކަސްރަތު

ކަނދުރާގެ މަސްތަކަށް ޓެންޝަން އިތުރުވުމުން ކަނދުރާގައި ރިއްސުމާއި ދިލަނެގުން ފަދަ ކަންތައްތައް ދިމާވެ އެވެ. ކަނދުރާގައި ރިއްސުން ފިލުވާލުމަށް ނުވަތަ ދެން އެފަދަ މައްސަލައެއް ދިމާނުވެ ފަރުޖެއްސުމަށް ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ.

މިއީ ކަނދުރާގެ ރިހުން ފަސޭހަވޭތޯ ކުރެވިދާނެ ފަސް ކަސްރަތެކެވެ.

ދެ ކޮނޑު އުފުލާށެވެ. ކަންފަތު ފޫޅުގަނޑުގައި ޖެހޭ ވަރަށެވެ. ނުވަތަ އެހިސާބާ ވީހާ ކައިރިއަކަށެވެ. އޭރުން ކޮނޑާއި ކަނދުރާއަށް ވާންވާނެ އެވެ. މިގޮތަށް އުފުލާފައި 3-5 ސިކުންތާ ދެމެދުގެ ވަގުތުކޮޅަކަށް މަޑުކޮށްލާށެވެ. ދެން ކޮނޑު ތިރިކޮށްލާށެވެ. މިގޮތަށް ތިން ފަހަރަށް ހަދާށެވެ. ކަރުގެ މަސްތަކަށް ވާންވެ ތަދުވާކަމަށް ހީވާ ފުރަތަމަ ފަހަރު ވެސް މި ކަސްރަތު ކޮށްލާށެވެ. އޭރުން ތަދު އިތުރަށް ބޮޑުނުވެ ސަލާމަތް ވާނެ އެވެ.

ރީތިކޮށް އުނަގަނޑު ދަމާލައިގެން އިށީންނާށެވެ. މަޑުމަޑުން ކަނާތްފަރާތަށް ދަތްދޮށި އަނބުރާލާށެވެ. ކަރުގެ ވާތްފަރާތަށް ސްޓްރެޗްވާކަން އިހްސާސް ވާވަރަށެވެ. މިގޮތަށް އަނބުރާލައިގެން މި ޕޮޒިޝަންގައި 10 ސިކުންތު ވަންދެން އިންނާށެވެ. ދެން އަނެއްކާވެސް ކުރިން ހުރި ޕޮޒިޝަނަށް ދަތްދޮޅި ގެންނާށެވެ. ދެން ހަމަ މިގޮތަށް ވާތް ފަރާތަށް ދަތްދޮޅި އަނބުރާލާށެވެ. މި ކަސްރަތު ގިނަވެގެން ދެ ފަހަރު ކުރުމުން ރަނގަޅުވާނެ އެވެ. ކަރުގެ މަސްތަކުގައި ހުރި ވާންކަން ކެނޑި ކަނދުރާއަށް އަރާމު ލިބޭނެ އެވެ.

ކަނދުރާ ސީދަލަށް ބަހައްޓައިގެން ސީދާ ކުރިމައްޗަށް ބަލާށެވެ. ދެން މަޑުމަޑުން ބޯ ކަނާތްފަރާތަށް ތިރިކޮށްލާށެވެ. އެގޮތަށް 5-10 ސިކުންތާ ދެމެދުގެ އިރުކޮޅަކު މަޑުކޮށްލާށެވެ. އެކަކުން ފެށިގެން 10 އަށް ގުނެންދެން ރަނގަޅުވާނެ އެވެ. ދެން އަނެއްކާވެސް ކުރިން ހުރި ޕޮޒިޝަނަށް ބޯ ގެންނާށެވެ. އަދި ވާތް ފަރާތަށް ތިރިކޮށްފައި ކުރިން ގުނި ގޮތަށް 10 އާ ހަމައަށް ގުނާށެވެ. (ގުނާނީ މެދުމިންވަރެއްގެ އަވަސް މިނެއްގަ އެވެ.)

ކަކޫ ކުޑަކޮށް ލަންބާލާފައި ބަހައްޓާށެވެ. އަދި އެއް އަތުގެ އަތްތިލައިން އުނަގަނޑުގެ ތިރީގައި ހިފަހައްޓާލާށެވެ. އަތުން ކުރިމައްޗަށް ކޮއްޕާލާ ގޮތަށް އުނަގަނޑު ކުރިއަށް ޖައްސާލުމަށް ފަހު 10 ވަރަކަށް ސިކުންތު ވަންދެން ހިފަހައްޓާލާށެވެ. މި ގޮތަށް ތަކުރާރުކޮށް ހަދާށެވެ. ބުރަކައްޓާއި ކަނދުރާގެ މަސްތަކުގައި ހުރި ރިހުން ފިލާނެ އެވެ. މިއީ ގިނައިރު އިށީނދެގެން ތިބެން ޖެހޭ މީހުންނަށް ވަރަށް ބަރާބަރު ކަސްރަތެކެވެ.

ކަނާތް މައްޗަށް ރީތިކޮށް ދަމާލާށެވެ. ދެން އުޅަނބޮށިން ފެށިގެން ތިރި ފަހަތަށް ލަންބާލާށެވެ. ދެން ވާއަތުން ކަނާތު އުޅަނބޮށީގައި ހިފާ މަޑުމަޑުން ބޮލާ ދިމާލަށް ގެންނާށެވެ. މި ޕޮޒިޝަންގައި 15 ވަރަކަށް ސިކުންތު ހިފަހައްޓާލާށެވެ. އަދި އަނެއް އަތް ހަމަ މިގޮތަށް ރިޕީޓްކުރާށެވެ. މި ކަސްރަތުން ކަރަށް ސީދާ އަސަރު ނުކުރި ނަމަވެސް ބޮނބިފަޅީގައި ހުރި ތަދުތައް ފިލުވާލާ ހަށިގަނޑަށް އަރާމުވާނެ އެވެ.

ހަނދާންކުރަންވީ ކަމަކީ ކަނދުރާގެ މަސްތަކަށް ފަރުވާތެރިވުން މުހިއްމުކަމެވެ. ކަނދުރާގެ މަސްތަކުގައި ރިއްސަން ފަށައިފި ނަމަ އެއީ ވަރަށް ވޭންހުރި ކަމަކަށް ވެދާނެ އެވެ. އެހެންކަމުން ކަސްރަތުކޮށްގެން މި ތަދުތައް ކަނޑުވާލަން އާދަކުރާށެވެ.