21 މާޗް 2018 - 06:33

ކުޅިވަރަށާއި ކަސްރަތަށް ނުކުމެ އުޅޭ މީހުންނަށް ކޮންމެ ކޮންމެ ގޮތަކަށް ހުންނަ ފެންފުޅިއެއް ކަމަކު ނުދެއެވެ. ފެނުގެ ރަހަ ގޯސްވެގެން ނުވާނެއެވެ. މަތިގަނޑު އަނބުރައިގެން ހުޅުވާފައި ބުއިމަކީ ކަސްރަތުގެ މެދުތެރޭން ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެހެންވީމާ ރަގަޅީ ފުޅިއަށް ފިތާލައިގެން ފެން ބުއިމެވެ. ދާ ކޮންމެ ތާކަށް ގެންދެވޭހާ ލުއިވާންޖެހެއެވެ. މި ޝަރުތުތައް ފުރިހަމަވާ ގޮތަށް މިހާތަނަށް އުފެއްދި ފެންފުޅިއަކީ "ކީގޯ"އެވެ.
ކީގޯ ފަރުމާކޮށްފައިވަނީ ފުޅިއަށް ފިތާލައިގެން އަނގައަށް ފެން އޮއްސާލެވޭ ގޮތަށެވެ. އާންމުކޮށް މިހެން ފިތާލައިގެން ފެން ބޮވޭނީ ޕްލާސްޓިކް ފުޅިތަކުންނެވެ. އެކަމަކު ޕްލާސްޓިކް ފުޅީގައި ފެން ހުއްޓާ އަތްވަށް ނިކުތުމުން ފެނުގައި ނުބައި ރަހައެއް ލާތީ ގިނަ ބަޔަކު ވަނީ ޕްލާސްޓިކް ފުޅި ދޫކޮށްލައިފައެވެ. އޭގެ ބަދަލުގައި އެމީހުން އިޚުތިޔާރުކުރީ ތުނި ދަގަނޑާއި އެލުމިނިޔަމް މާއްދާތަކުން ހަދާފައިވާ ފުޅިއެވެ. އެކަމަކު މީގެ ފުޅީގެ މައްސަލައަކީ ފިތާނުލެވުމެވެ. ކީގޯ ފުޅި އުފެއްދީ މިކަމަށް ހައްލެއް ލިބޭނެ ގޮތަށް ވިސްނައިގެންނެވެ. ޕްލާސްޓިކް އޮނިގަނޑަކަށް 99.8 ޕަސެންޓް ޓައިޓޭނިޔަމް ކަވަރެއް އަޅުވައިގެންނެވެ. ކަވަރުގައި ހުންނަ ކުދިކުދި ރޫތަކުގެ ސަބަބުން އަތަށް ހެޔޮވަރުކޮށް، ކައްސާލައިގެން ވެއްޓުނަ ނުދީ ހިފަހައްޓައިދެއެވެ. ފުޅީގެ ތުނބުގައި ހުންނަނީ ސިލިކަންއެވެ.
ބަރުދަނުގައި ދޮޅު ކިލޯ ހުންނަ ކީގޯ ފުޅި އުފައްދާފައިވާ މާއްދާގެ ގޮތުން ގިނަ ދުވަހު ހަލާކުނުވެ ގެންގުޅެވޭނެ ކަމަށް ބެލެވެއެވެ. ބިންމައްޗަށް ދެތިން ފަހަރު ވެއްޓުމަކުން ފުޅިއަށް ގެއްލުމެއް ލިބޭ ވަރަށް ވުރެ ވަރުގަދަވާނެއެވެ. މި ފުޅިއަށް 710 މިލިލީޓަރުގެ ފެން އެޅެއެވެ.