19 މާޗް 2018 - 22:39

ގައުމެއްގެ ގޮތުގައި ތަރައްގީ ކުރަން ބޭނުންވާނެ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ރާއްޖޭގައި ގާއިމް ކޮށްފައި ނެތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިންސްޓިޓިއުފް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ މިދިޔަ އަހަރުގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ފަހަކާ ޖެހެންދެން ވެސް ގިނަ ސްކޫލް ތަކުގައި ތިބީ ސެޓްފިކެޓް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ ޓީޗަރުން ކަމަށާއި ޓީޗަރުންގެ އަޣުލަބިއްޔަތު ހިއްސާ ކުރީ ވެސް ބިދޭސީން ކަމަށެވެ. އެކަމަކު ކުރު މުއްދަތެއްގެެ ތެރޭގައި އެކަން ބަދަލު ކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ސްކޫލްތަކުގައި 2014 ވަނަ އަހަރާ ހަމައަށް އައި އިރު ވެސް ގިނަ ޓީޗަރުން ތިބީ ސެޓްފިކެޓް ލެވެލްގަ އެެވެ. އެކަމަކު ޓީޗަރަކަށް ވުމުގެ އެންމެ ދަށް ޝަރުތުގެ ތެރޭގައި ޑިޕްލޮމާ ހާސިލް ކުރުން ހިމެނުމާ އެކު، ގިނަ ޓީޗަރުން ވަނީ ޑިޕްލޮމާ ހާސިލްކޮށްފަ އެވެ. އެއާއެކު ސަރުކާރުން ވަނީ ޓީޗަރުން ޑިގްރީއާ ހިސާބަށް ކިޔަވައި ދިނުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
"މި ދެންނެވި ބޮޑު ބަދަލާއެކު ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ނުކުތީ ކޮން ނަތީޖާއެއް ކަން ދޫކޮށްލާނީ ތިބޭފުޅުންނަށް. ނަމަވެސް ފެންނަން އޮތް ހަގީގަތަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ވީދިފައިވާ ކަން. އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް އެ ބޭފުޅުންގެ މުޅި ޒިންމާ އާއި ދިރިއުޅެން ދަސްކޮށް ދެވިފައި ނުވާކަން،" ޑިފެންސް މިނިސްޓަރު ކަމަށް ވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާގައި 35 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވި އެވެ.
"އެއާއެކު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މާހައުލުން ލިބެން ހުރި ވަސީލަތްތަކާއި މި ގައުމު ބިނާކުރުމާއި އަޅުގަނޑުމެންގެ ޒިންމާދާރު ކަމާ އެކީގައި ގައުމެއް، ގައުމެއްގެ ގޮތުގައި ތަރައްގީ ކުރަން ބޭނުންވާނެ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި އުފެއްދިފައި ނުވާކަން."
ތައުލީމީ ދާއިރާ އަށް އާ މަންހަޖު ތައާރަފް ކުުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި އާދަމް ޝަރީފް ވިދާޅުވީ، އެ މަންހަޖުގައި ތަހުޒީބީ ގައުމަކަށް ރާއްޖެ ބަދަލުކުރަން ބޭނުންވާނެ ހުރިހާ ކަމެއް ހިމެނިފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ ދަރިވަރުން އަމިއްލަ ދިރިއުޅުމަށް ދަސްކޮށްދިނުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އާ މަންހަޖުގެ ދަށުން ވެސް، ހަމައެކަނި ފޮތްތަކުގައި ލިޔެފައި ހުރި އެއްޗެހި ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފިނަމަ "އަޅުގަނޑުމެން ހަމަ ޖެހޭނީ ޖެހުނު" ތަނުގައި ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރިން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ. އެހެންވެ މަންހަޖު ތަންފީޒު ކުރުމުގެ ސިޔާސަތުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން ދަރިވަރުންނަށް އުނގެނުމުގެ އިތުރު ފުރުސަތުތައް ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގައުމު ބިނާކުރުމުގައި ޓީޗަރުންނަކީ މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ބައެކެވެ. އެހެންވެ ހަރުދަނާ ޖީލެއް ބިނާކުރަން ޓީޗަރުން އިތުރަށް މަސައްކަތް ކޮށްދޭންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެ މަސައްކަތުގެ ނަތީޖާ ފެންނާނީ ހުރިހާ އެންމެން ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.