ރެނީ ޒެލްވެގާ ދެން ފެންނާނީ ޖޫޑީ ގާލަންޑްގެ ގޮތުގައި
ރެނީ ޒެލްވެގާ ދެން ފެންނާނީ ޖޫޑީ ގާލަންޑްގެ ގޮތުގައި

ބްރިޖެޓް ޖޯންސް ޑައިރީ ފަދަ ފިލްމްތަކުގެ ބަތަލާ ރެނީ ޒެލްވެގާއަކީ މިހާރު ވަނީ އަލަށް ފެށި ފިލްމަށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެމެރިކާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޫޑީ ގާލަންޑްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމްގައި "ޖޫޑީ" ގެ ރޯލް ކުޅެން ރެނީ، 48، ވަނީ ހަށިގަނޑު ވަރަށް ބޮޑަށް ހިއްކާލައި، ބޯ ވެސް ކުރުކޮށް ކޮށާލައިފަ އެވެ. "ޖޫޑީ" ގެ ފަސްޓްލުކް ވެސް މިހާރު ދައްކާލައިފައިވާ އިރު، އެއީ ރެނީހެން ވެސް ހިއެއް ނުވެ އެވެ.

އެކަމަކު މިއީ ފިލްމެއްގައި އޭނާ ލަވަކިޔާ މީހެއްގެ ރޯލް ކުޅޭ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ރެނީ ވަނީ 2002 ގެ "ޝިކާގޯ" ގައި ވެސް ލަވަކިޔުންތެރިއެއްގެ ރޯލް އަދާކޮށްފަ އެވެ.

އެކަމަކު އޭނާ ޖޫޑީގެ ރޯލަށް ހެޔޮވަރުވެފައި ހުރީ ކިހާ ވަރަކަށްކަން ހަގީގަތުގައި އެނގޭނީ ފިލްމް ބަލައިލަން ލިބޭ އިރަކުންނެވެ. "ޖޫޑީ"ގެ ޝޫޓިން ހޯމަ ދުވަހު ފަށާފައިވާ އިރު، ފިލްމްގެ ވާހަކަ މައިގަނޑު ގޮތަކަށް ބިނާކޮށްފައި ވަނީ ލަންޑަންގައި 1960 ގެ އަހަރުތަކުގައި ބޭއްވި ޖޫޑީގެ އެންމެ ފަހުގެ ކޮންސަޓްތަކާއި އޭނާގެ ހަޔާތުގެ އެންމެ ފަހުގެ ދުވަސްތަކުގެ ސޮފްހާތަކުގެ މައްޗަށެވެ. ޖޫޑީ މަރުވީ 1969 ގަ އެވެ.

"ޖޫޑީ" ގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސް ދެނީ މެކްބެތު (2010) އާއި ޓްރޫ ސްޓޯރީ (2015) ފަދަ ފިލްމްތަކުގެ ޑައިރެކްޓަރު ރުޕަޓް ގޫލްޑް އެވެ. ފިލްމްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޓޮމް ހެޖް އެވެ. އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ "ޖޫޑީ" ގެ ކާސްޓުންގެ ތެރޭގައި ޖެޒީ ބަކްލީ، ފިން ވިޓްރޮކް އަދި މައިކަލް ގެމްބޮން ވެސް ހިމެނެ އެވެ.

ގޯލްޑެން ގްލޯބް ވެސް ހާސިލްކޮށްފައިވާ ރެނީ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބުނު "ސޭމް ކައިންޑް އޮފް ޑިފެރެންޓް އޭސް މީ" އެވެ.