18 ޖުލައި 2016 - 19:04

މިފްކޯގެ ތާރީހުގައި ވެސް މަސްވެރިކަން އެންމެ ދަށަށް ގޮސްފައި ވަނީ މިދިޔަ ރޯދަ މަހު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިފްކޯގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަދްލީ ވިދާޅުވީ މަސްވެރިކަމަށް އައި ޒަމާނީ ބަދަލުތަކާ އެކު މަސްވެރިން މަހަށްދާ މިންވަރު ދަށްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ.
"ކުރިން މަސްވެރިކަން އެންމެ ރަނގަޅުވާ ދުވަސްވަރު ވެސް މިހާރު މަސްވެރިކަން ދަށް. މިފްކޯ އިން މިހާރު މަސް ވިއްކަނީ ގަންނަ އަގަށް ވުރެ ވަރަށް ދަށް އަގެއްގައި،" އޭނާ ވިދާޅުވި އެވެ.
އަދްލީ ވިދާޅުވީ މަސް ގަންނަ އަގަށް ވުރެ ދަށް އަގުގައި މަސް ވިއްކާތީ މިފްކޯއާށާއި ސަރުކާރަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށެވެ. ނަމަވެސް އެކަން ކުރަނީ މަސްވެރިންނަށް ލިބޭ އާމްދަނީ ގެއްލިގެން ދިޔަ ނުދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުންފުނި ދެކޮޅު ޖެއްސުމަށް މަހަކު 200 ޓަނުގެ މަސް މިފްކޯ އަށް ބޭނުންވި ނަމަވެސް ރޯދަ މަސް ނިމުނު އިރު އެ ކުންފުންޏަށް ލިބުނީ 40-50 ޓަނުގެ މަސް ކަމަށެވެ. އަދި ބޭނުންވާ ވަރަށް މަސް ބޭނުމަށް އުޅަނދު ހުރި ނަމަވެސް މަސްވެރިންގެ މަސައްކަތްތައް ރަނގަޅު ކުރަން ޖެހޭ ކަމަށް އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެން ނުލިބިގެން ކަމުގައި ވިޔަސް ކުރިއާ އަޅާ ބަލާއިރު މަސްވެރިން މިހާރު މަސައްކަތް ކުރާ މިންވަރު ދަށް ކަމަށެވެ. މީގެ 10 އަހަރަށް ބެލި ކަމުގައި ވިޔަސް ރޯދަ މަހުގައި މަސްވެރިކަން އަބަދު ވެސް ރަނގަޅު ކަމަށާއި މިއަހަރު މިފްކޯގެ ތާރީހުގައި ވެސް ދަށް ނުވާ ވަރަށް މަސްވެރިކަން ދަށް ވި ކަމަށް އަދްލީ ވިދާޅުވި އެވެ.