ސަލްމާނާ އެކު ފިލްމް ކުޅުނު ކުރީގެ ބަތަލާ ޕޫޖާ އަށް ޓީބީ ޖެހި އެކަނިވެރިވެފައި
ސަލްމާނާ އެކު ފިލްމް ކުޅުނު ކުރީގެ ބަތަލާ ޕޫޖާ އަށް ޓީބީ ޖެހި އެކަނިވެރިވެފައި

ސަލްމާން ހާނާ އެކު ފިލްމް "ވީރްގާތީ" ކުޅުނު ބަތަލާ ޕޫޖާ ދަދްވާލަށް ޓީބީ ޖެހިގެން ފަރުވާ ހޯދަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.

ޕޫޖާ ބުނީ އޭނާ އަށް ޓީބީ ޖެހިފައިވާކަން އެނގުނީ މީގެ ހައެއްކަ މަސް ކުރިން ކަމަށާއި ބަލި ޖެހިފައިވާކަން އެނގުމާ އެކު، ފިރިމީހާ އާއި އާއިލާ ވެސް އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

"އަހަރެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަތާ ވެސް މިހާރު ދެ ހަފުތާއެއްހާ ދުވަސްވެއްޖެ. އަހަރެންގެ އަތަކު ނެތް ބައްޔަށް ބޭސް ކުރާނެ ފައިސާއެއް ވެސް،" ނަވްބާރަތު ޓައިމްސް އަށް ޕޫޖާ ބުންޏެވެ.

އޭނާ ބުނީ މާލީ ގޮތުން އަތްމަތި ދަތިކަމުން ސަލްމާންގެ ހާން އެހީއެއް ލިބޭތޯ ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަހަރެން ވަރަށް މަސައްކަތްކޮށްފިން ސަލްމާނާ ގުޅޭތޯ ވެސް. އެކަމަކު އެކަން އަދި ކާމިޔާބެއް ނުވޭ. އެހެންވެ މިހާރު ވާނެ އަހަރެންގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި،" ޕޫޖާ ބުންޏެވެ. "އަހަރެން ވަރަށް އުންމީދު ކުރަން އެ ވީޑިއޯ ސަލްމާނަށް ފެނިގެން އަހަންނަށް އެހީއެއް ވެދޭނެ ކަމަށް."

ސަލްމާން މި ވަގުތު އުޅެނީ "ރޭސް 3" ގެ ޝޫޓިންގައި އަބޫދާބީގަ އެވެ.

ޕޫޖާ ބުނި ގޮތުގައި އޭނާ ކުރިން މަސައްކަތް ކުރަމުން ދިޔައީ ގޯއާގެ ކެސިނޯއެއްގެ މެނޭޖަރަކަށެވެ.

"އެކަމަކު ޓީބީ ޖެހުނުކަން އެނގުނު އިރު އަތަކު ނެތް އެއްވެސް ފައިސާއެއް. އަހަރެން މިހާރު ދިރިމިހުރީ ވެސް ބައެއް މީހުން ދޭ އެހީގެ ސަބަބުން،" އޭނާ ބުންޏެވެ.

ސަލްމާނާއި ޕޫޖާ ކުޅުނު ފިލްމް "ވީރްގާތީ" އަކީ 1995 ގައި ރިލީޒް ކުރި ފިލްމެކެވެ. އެ ފިލްމްގައި ޕޫޖާ ކުޅުނީ ސަލްމާންގެ މިހާރުގެ ޅިޔަނު އަތުލް އަގުނިހޯތުރީގެ ލޯބިވެރިޔާގެ ރޯލެވެ.

ޕޫޖާ ކުޅެފައިވާ އިތުރު ފިލްމްޔަތަކުގެ ތެރޭގައި "އިންތިގާމް"، "ހިންދުސްތާން" އަދި "ޑަބްޑަބާ" ހިމެނެ އެވެ.