މިސްރުގެ މާލީ ސިޔާސަތަށް ފާޑުކިޔާތީ މަޖިލިސް މެމްބަރުންނަށް އިންޒާރު ދީފި
މިސްރުގެ މާލީ ސިޔާސަތަށް ފާޑުކިޔާތީ މަޖިލިސް މެމްބަރުންނަށް އިންޒާރު ދީފި

މިސްރު ސަރުކާރުގެ މާލީ ސިޔާސަތަށް ފާޑުކިޔާ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ގާނޫނު ހަދާ މަޖިލީހުގެ ރައީސް ދެއްވައިފި އެެވެ.

މަޖިލީހުގެ މިނިވަންކަމާ މެދު ސުވާލު އުފެދި އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، މަޖިލީހުގެ ރައީސް އަލީ އަބްދުލް އާލް ވިދާޅުވީ އެ ގައުމަށް ބޭރުގެ އެކި ގައުމަތަކުން ނުފޫޒު ފޯރުވަމުން ދާ ކަމަށެވެ.

އަދި "ހަރުދަނާ" ކޮށް ފާޑުކިޔުން ބަލައިގަނެވުނަސް ސިޔާސަތު "ހަލާކު ކޮށްލަން" ދައްކާ ވާހަކަ ގަބޫލު ނުކުރައްވާނެ ކަމުގައި އޭނާ ވިދާޅުވި ކަމަށް މަޖިލީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އަބްދުލް-އާލް ހަވާލައިދެއްވީ ބޭރުގެ އެކި ގައުމުތައް ގުޅިގެން މިސްރުގެ ދުސްތޫރީ މުއައްސަސާތަކުގެ ބާރު ކަނޑުވައިލަން ކެނޑިނޭޅި ކުރަމުން ދާ މަސައްކަތަށް ކަމުގައި، އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީގެ މާލީ ސިޔާސަތަށް ފާޑުކިޔުން އަމާޒުވެފައިވަނީ ޑޮލަރުގެ ތާށިކަން އިތުރުވެ އަގުތައް އިންތިހާ އަށް އުފުލިފައިވާ ވަގުތެއްގަ އެވެ. މުދާ އުފައްދަން ބޭނުންވާ ސާމާނު ގަންނަން ޑޮލަރު ނުލިބުމުގެ ސަބަބުން ގިނަ ކުންފުނިތަކަށް ވަނީ ވިޔަފާރި ހަނިކުރަން މަޖުބޫރުވެފަ އެވެ.

މިދިޔަ މާޗު މަހު، މިސްރުގެ މަރުކަޒީ ބޭންކުން ވަނީ މިސްރުގެ ޕައުންޑް 14.3 ޕަސަންޓަށް ދަށްކޮށްފަ އެވެ.

"ގިނަ މެމްބަރުން ޓީވީތަކަށް އަރައި ދައުލަތުގެ މާލީ ސިޔާސަތަށް ފާޑު ކިޔުމުގެ ސަބަބުން، ގައުމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ބިރު އެބަ އޮތް،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

"އެހެން ކަމުން ހުރިހާ މެމްބަރުން ވެސް މާލީ ސިޔާސަތާ ބެހޭ ގޮތުން ވާހަކަ ދައްކަވާ އިރު، އެ ކަމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ވިސްނަންޖެހޭ. މި ކަމާ ހިލާފުވާ މެމްބަރުންގެ މައްސަލަ ސުލޫކީ ކޮމިޓީ އަށް ފޮނުވާނަން."

މަޖިލީހުގެ ރައީސްގެ މި އިންޒާރަށް ބައެއް މެމްބަރުން ފާޑު ކިޔާފައިވާ އިރު އަނެއް މެމްބަރުން ސިފަ ކުރެއްވީ އެއީ އިންޒާރެއްގެ ބަދަލުގައި ނަސޭހަތުގެ ބަސްކޮޅެއްގެ ގޮތުގަ އެވެ.

މިސްރުގެ މިހާރުގެ މަޖިލީހަކީ ގައުމުގެ ވޯޓުލެވޭ އާބާދީގެ 28.3 ޕަސެންޓް ވޯޓުލި އިންތިހާބަކުން ހޮވިފައިވާ މަޖިލީހެކެވެ. އެ އިންތިހާބު ބާއްވާފައި ވަނީ ބަގާވާތަކުން ކުރީގެ ރައީސް މުހައްމަދު މުރުސީ ވެރިކަމުން ވައްޓާލިތާ ދެ އަހަރު ފަހުންނެވެ.