ޚާލިދާ ޒިޔާ މިނިވަން ކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި
ޚާލިދާ ޒިޔާ މިނިވަން ކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

ޑާކާ (މާޗް 19) - ކޮރަޕްޝަނުގެ ކުށް ސާބިތުވި ކަމަށް ބަލާ ފަސް އަހަރަށް ޖަލަށްލާފައިވާ ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ، ކަފާލާތުގެ ދަށުން ޖަލުން ނެރުމަށް ދަށު ކޯޓުން އެންގި ނަމަވެސް ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނިންމުމުގެ ސަބަބުން ޒިޔާގެ ވަކީލުންގެ ފަރާތުން ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ވަކީލުން ބުނެފައި ވަނީ އެއީ އިދިކޮޅު ފަރާތްތައް ހުއްޓުވަން ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ރޭވުމުގެ ދަށުން ކުރާ ކަންތައް ކަމަށެވެ.

"މިއީ ބަންގްލަދޭޝްގެ ޝަރުއީ ނިޒާމުގެ ތެރޭގައި މީގެ ކުރިން ހިނގާ ކަންތަކެއް ނޫން. އެއީ ސުޕްރީމް ކޯޓުގެ އެކަނި ނިންމުމެއް ނޫން. އެއީ ސަރުކާރުގެ ނިންމުން،" ޚާލިދާ ޒިޔާގެ ވަކީލުންގެ ޓީމުގައި ހިމެނޭ ސަނާއުﷲ މިއާ ވިދާޅުވި އެވެ.

ޒިޔާގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ސެކްރެޓަރީ ޖެނެރަލް ފަޚުރުލް އިސްލާމް އަލަމްގިރް ވިދާޅުވީ ކޯޓު އަމުރަކީ އިންތިޚާބުގައި ޚާލިދާ ޒިޔާ ވާދަކުރަން ހުއްޓުވަން ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. ބަންގްލަދޭޝްގައި އާއްމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހު އެވެ.

"އަޅުގަނޑުމެން ތަކްރާރުކޮށް ބުނަމުން މިދަނީ ރައްޔިތުންނަށް އިންސާފު ނުލިބޭ ވާހަކަ. ކޯޓުތައް ކޮންޓްރޯލް ކުރަމުން ދަނީ ސަރުކާރުން،" އަލަމްގިރް އޭއެފްޕީ އަށް ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި ދެ ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރެއްވި ޒިޔާ، 72، ގެ މައްޗަށް މިދިޔަ މަހު ހުކުމްކޮށްފައި ވަނީ ޔަތީމުޚާނާއަކަށް ކަނޑައެޅި ފައިސާ ނެންގެވި ކަމުގެ ކުށުގަ އެވެ. ބީއެންޕީގެ ލީޑަރުގެ މައްޗަށް ވަނީ ޔަތީމް ޚާނާ އިން 252،000 ޑޮލަރު ނެންގެވި ކަމަށް ތުހުމަތުކޮށްފަ އެވެ. ޚާލިދާ ވިދާޅުވެފައި ވަނީ މިއީ ސިޔާސީ ގޮތުން އެކަމަނާގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

ޚާލިދާ ޒިޔާގެ އިސްތިއުނާފް މަރުހަލާތައް ކުރިއަށް ގެންދަންދެން އެކަމަނާ ވަނީ ޑާކާގެ ޚާއްސަ ޖަލެއްގައި ބަންދުކޮށްފަ އެވެ. ބީއެންޕީން ބޭނުން ވަނީ ކަފާލާތުގެ ދަށުން ޚާލިދާ ޒިޔާ މިނިވަންކޮށް އިންތިޚާބުގެ ކެމްޕޭނުގައި އެކަމަނާ އަށް އުޅެވޭނެ ގޮތް ހެދުމެވެ.

ސިޔާސީ ދާއިރާ އަށް 1980 ގެ އަހަރުތަކުގެ ތެރޭގައި ޒިޔާ ވެދެވަޑައިގެންނެވީ ފިރިކަލުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ޒިޔާގެ ޕާޓީން ވަނީ 2014 ވަނަ އަހަރުގެ އާއްމު އިންތިޚާބު ބޮއިކޮޓްކޮށްފަ އެވެ. ކޯޓުގެ ހުކުމާ ގުޅިގެން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެކަމަނާ އަށް ވަނީ ބަންދުވެފަ އެވެ.