20 މާޗް 2018 - 08:35

މި މަހުގެ 5 ގައި ޕްރިމިއާ ކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "ވަކިން ލޯބިން" ގެ ޝޯތައް އޮލިމްޕަހުގައި ދައްކަމުން އަންނަ އިރު، މި މަހު ދައްކާ ފިލްމްގެ ފަހު ދެ ޝޯ 22 އާއި 23 ވަނަ ދުވަހުގެ ރޭ ދައްކާ ގޮތަށް ނިންމައިފި އެވެ.
މި އަހަރު އެޅުވި ދެވަނަ ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ އިރު، ޑާކް ރެއިނުން ބުނީ ފެމިލީ ޑްރާމާ އަށް ލިބެމުން އަންނަ ތަރުހީބާ ދޭތެރޭ އެ ސްޓޫޑިއޯ އިން ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"ވަކިން ލޯބިން" އަކީ އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ބުނީ 22 އާއި 23 ގައި މި މަހުގެ ފަހު ދެ ޝޯ ދެއްކުމަށް ފަހު އަންނަ މަހުގެ ތެރޭގައި ވެސް ފިލްމް އޮލިމްޕަހުގައި އަޅުވަން ރާވާފައިވާ ކަމަށެވެ.
ޑާކް ރެއިނުން ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ 5 ގައި "ގޮށްރާޅު" އަޅުވާ ގޮތަށެވެ. އެކަމަކު އެ ފިލްމް މިހާރު ވަނީ އަންނަ ޑިސެމްބަރަށް ފަސްކޮށްފަ އެވެ.
"އެހެންވެ ގޮށްރާޅަށް އޮލިމްޕަސް ނެގި ތާރީހާ ދިމާކޮށް ވަކިން ލޯބިންގެ އިތުރު ޝޯތަކެއް ދައްކަން އަހަރެމެން މިހާރި ވިސްނާފައި އޮތީ،" މޮގާ ބުންޏެވެ.
"ވަކިން ލޯބިން" އަކީ ޖުމައްޔިލް (ޖުމަލް) ނިމާލާއި މަރިޔަމް (މަޖޫ) މަޖުދާގެ އިތުރުން ނުޒުހަތު (ނުޒޫ) ޝުއައިބް ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ.
މި ފިލްމް މިހާތަނަށް ވަރަށް ގިނަ ރަށްރަށުގައި ވެސް ވަނީ ދައްކައިފަ އެވެ. އަދި ބައެއް ރަށްތަކުގައި މިހާރު ވެސް ދައްކަމުން އަންނަ އިރު، އިތުރު ރަށްރަށުގައި އަޅުވަން ވެސް ހުރީ ޕްލޭންކޮށްފަ އެވެ.
"ވަކިން ލޯބިން" އަށް ބެލުންތެރިން ދިން ތަރުހީބާ އެކު ޑާކް ރެއިނުން ވަނީ މި ފިލްމްގެ ދެވަނަ ބައެއް ވެސް ގެނެސް ދޭން ނިންމައިފަ އެވެ. އެކަމަކު އެއީ 2020 ގަ އެވެ.