ވަރުން އާއި ކެޓްރީނާގެ ޑާންސް ފިލްމް ލޯންޗްކޮށްފި
ވަރުން އާއި ކެޓްރީނާގެ ޑާންސް ފިލްމް ލޯންޗްކޮށްފި

ޓީ ސީރީޒުން ކުރިން ވެސް ބުނެފައިވާ ގޮތަށް، އިންޑިއާގައި މިހާތަނަށް ހަދާ އެންމެ ވަރުގަދަ ޑާންސް ފިލްމް ހޯމަ ދުވަހު މި ވަނީ ރަސްމީކޮށް ލޯންޗުކޮށްފަ އެވެ. އެކަމަކު ފިލްމްގެ ނަމާ ނުލަ އެވެ.

ކުރިން ވެސް އަޑު އަރާފައިވާ ގޮތަށް ފިލްމްގެ ލީޑް ދެ ތަރިންނަކީ ވަރުން ދަވަން އާއި ކެޓްރީނާ ކައިފް އެވެ. މިއީ އެ ދެ ތަރިން އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. އަދި ވަރުން އާއި ކެޓްރީނާއާ އެކު، މަޝްހޫރު ނެށުންތެރިޔާ ޕްރަބޫވާ ވެސް ފެނިގެން ދާނެ އެވެ.

މިހާރު "ރޭސް 3" ގެ މަސައްކަތް ކުރަމުން އަންނަ ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ މި ޑާންސް ފިލްމް ފިލްމް ސިނަމާތަކަށް އަންނާނީ ނޮވެމްބަރު، 8، 2019 ގަ އެވެ. ފިލްމްގެ ކާޓެއިން ރެއިޒާ ވެސް ވަނީ ދައްކާލައިފަ އެވެ.

ފިލްމްގެ ނަން އިއުލާން ނުކުރި ނަމަވެސް، ރިޕޯޓްތައް ބުނަނީ "އިންޑިއާގެ އެންމެ ބޮޑު ޑާންސް ފިލްމް" ގެ ގޮތުގައި ޕްރޮމޯޓްކުރާ ފިލްމްގައި ރެމޯ ގެނެސްދޭ ޑާންސް ފްރެންޗައިޒްގެ އެނީބަޑީ ކޭން ޑާންސް (އޭބީސީޑީ) 3 ކަމަށެވެ. މީގެ ދެވަނަ ބައި 2015 ގައި ރިލީޒް ކުރި އިރު، ލީޑް ރޯލް ކުޅުނު ވަރުން އާއި ޝްރަދާ ކަޕޫރެވެ. އެ ފިލްމްގައި ވެސް ޕްރަބޫދޭވާ މުހިއްމު ރޯލެއް ކުޅުނެވެ.

ކެޓްރީނާ ބުނީ ރެމޯ އާއި ވަރުންއާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުނުން ވަރަށް އުފާވެއްޖެ ކަމަށެވެ.

"މިހާރު ކެތްމަދުވެފައި މި ހުންނަނީ ފިލްމްގެ ޝޫޓިން ފަށަން ވެސް،" ޝާހްރުކް ހާނާ އެކު "ޒީރޯ" ގެ މަސައްކަތް ކުރަމުން އަންނަ ބަތަލާ ބުންޏެވެ.

އަނުޝްކާ ޝަރްމާއާ އެކު "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ގެ މަސައްކަތް ކުރަމުން އަންނަ ވަރުން ބުނީ މީގެ ކުރިން އޭނާ އަށް ކެޓްރީނާއާ އެކު ނަށާލަން ފުރުސަތު ލިބުނީ 2016 ގައި ނިއުޔޯކްގައި ބޭއްވި އައިފާ އެވޯޑްސްގައި ކަމަށެވެ.

"އަބަދު ވެސް ވަރަށް ބޭނުންވެފައި ހުރީ ކެޓްރީނާއާ އެކު ފިލްމެއް ކުޅެން. އެ ފުރުސަތު ޓީ ސީރިޒްގެ ބުޝަން ކުމާރާއި ރެމޯ ހޯދައި ދިނީތީ އަހަރެންގެ މެކްސިމަމް ފިލްމްގައި ދައްކުވައި ދޭން މަސައްކަތް ކުރާނަން،" އަންނަ މަހުގެ 13 ގައި ރިލީޒް ކުރާ "އޮކްޓޯބާ" ގެ ބަތަލު ބުންޏެވެ.

ފިލްމާ ބެހޭ ގޮތުން ރެމޯ ބުނީ ދޭން އޮތް ގެރެންޓީއަކީ ފިލްމަކީ ވަރުގަދަ ޑާންސް ފިލްމަކަށް ވާނޭ އެވެ. އަދި މިއީ 3ޑީކޮށް ހަދާ ފިލްމެއް ވެސް މެ އެވެ.