ރަސްކަމާ ދެމެދު އޮތް ހުރަހަކީ މަރު: ވަލީއަހުދު މުހައްމަދު
ރަސްކަމާ ދެމެދު އޮތް ހުރަހަކީ މަރު: ވަލީއަހުދު މުހައްމަދު

ވޮޝިންޓަން (މާޗް 19) - ސައުދީ އަރަބިއާގެ ރަސްކަމުގެ ތަޚުތު ލިބުމަށް އޮތް ހަމައެކަނި ހުރަހަކީ މަރު ކަމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

އެމެރިކާ އަށް ކުރައްވާ ރަސްމީދަތުރުފުޅުގެ ކުރިން ސީބީއެސް ނިއުސްގެ "60 މިނިޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ މީހަކު ދުނިޔޭގައި ހުންނާނެ މުއްދަތު ދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲ އަށް ކަމަށެވެ.

"މީހަކު ދުނިޔޭގައި އުޅެފާނެ 50 އަހަރު ވަންދެން ވެސް. ރަސްކަމާ އަޅުގަނޑާ ދެމެދު އޮތް ހުރަހަކީ މަރު،" އޭނާ ހުއްޓުވޭނީ ކޮން ކަމެއްތޯ ސީބީއެސްގެ ނޯރާ އޯޑޮނެލް ކުރި ސުވާލުގެ ޖަވާބުގައި މުހައްމަދު ވިދާޅުވި އެވެ.

ވަލީ އަހުދުކަން މިދިޔަ އަހަރު ލިބިވަޑައިގެންނެވި ފަހުން އެމެރިކާގެ ޓީވީ ސްޓޭޝަނަކަށް މުހައްމަދު ފުރަތަމަ އިންޓަވިއު ދެއްވާފައި މި ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީގައި ގިނަ ބަޔަކު މިދިޔަ އަހަރުގެ ފަހުކޮޅު ހައްޔަރު ކޮށްފައި ވަނިކޮށެވެ. ބިލިއަނަރުންތަކެއް ބަންދުކޮށްގެން އެ މީހުންގެ އަތުން ބިލިއަނުން ޑޮލަރު ހޯދާފައި ވާތީ ސައުދީ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މުހައްމަދު ވިދާޅުވީ ބަންދުކުރި މީހުންގެ އަތުން 100 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބުނު ކަމަށާއި އެ މީހުން ބަންދުކުރީ ވެރިކަމަށް އެ މީހުންގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

"ސައުދީގައި ކޮށްފައި އެ ވަނީ ވަރަށް މުހިންމު ކަމެއް. ހުރިހާ ފިޔަވަޅެއް ވެސް އަޅާފައި ވާނީ މިހާރު ހުރި ގާނޫނުތަކުގެ ދަށުން،" ވަލީ އަހުދު ވިދާޅުވި އެވެ.

މުހައްމަދު ބިން ސަލްމާން ވަނީ ވަލީ އަހުދު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސައުދީގައި ދޫތަކެއް ދެއްވަން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މި ގޮތުން ވަނީ ސައުދީގައި ސިނަމާ ހިންގުމާއި އަންހެނުންނަށް ސްޓޭޑިއަމްތަކަށް ދިއުމުގެ ހުއްދަ ދީފަ އެވެ. އަދި މި އަހަރުގެ ޖޫން މަހުން ފެށިގެން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ.

އުމުރުފުޅުން 81 އަހަރުގެ ސައުދީ ރަސްގެފާނުގެ ބަދަލުގައި ގައުމު ހިންގުމުގައި އެންމެ އިސްކޮށް މިހާރު އުޅުއްވަނީ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ މުހައްމަދެވެ. ތެލަށް ބަރޯސާވުން ކުޑަކުރަން ސައުދީގައި ތައާރަފް ކުރި ވިޝަން 2030 ގެ އިސް މޭސްތިރިއަކީ ވެސް މުހައްމަދެވެ.