20 މާޗް 2018 - 06:36

އިންޑިއާގެ ޓީވީ ތަރިންގެ އެންމެ ބޮޑު ހުވަފެނަކީ އަބަދު ވެސް ބޮލީވުޑެވެ. މި ފަހަކަށް އައިސް ބޮލީވުޑަށް ނުކުމެ، މަގުބޫލުކަން ހޯދި ޓީވީ ތަރިން މަދެއް ވެސް ނޫނެވެ. ކުރިއަށް ވެސް ޓީވީ ތަރިން ފެނިގެން ދާނެ ބޮޑެތި ފިލްމްތަކެއް އެބަ ހުއްޓެވެ.
އޭގެ ތެރޭގައި ރިތިކް ރޯޝަންގެ "ސުޕަ 30" އިން ފެނިގެންދާ މިރްނާލް ތާކޫރާއި ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ" އިން ފެނިގެންދާ ބަތަލާ އަންކިތާ ލޯކަންދޭގެ އިތުރުން ޖޭޕީ ދައްތާގެ "ޕަލްޓާން" އިން ފެނިގެންދާ ދިޕިކާ ކައްކަރް (ފާއިޒާ ޝުއައިބް) ފާހަގަކޮށްލެވެ.
"ބޭހަދް" އާއި "ސަރަސްވަތީޗަންދްރާ" ފަދަ ކާމިޔާބު އެތައް ސިލްސިލާއެއް ކުޅެފައިވާ ޖެނިފާ ވިންގެޓް، 32، އަކީ މީގެ ކުރިން ބޮލީވުޑް ފިލްމެއް ކުޅެފައިވާ ބަތަލާއެކެވެ. އެއީ 2015 ގައި ސިނަމާތަކަށް ގެންނަން ނިންމުމަށް ފަހު، މިދިޔަ އަހަރު ޑިޖިޓަލްކޮށް ބަލައިލެވޭ ގޮތަށް ދޫކޮށްލި ފިލްމް "ޕިރް ސޭ" އެވެ.
އެ ފިލްމްގެ ލީޑް ރޯލް ޖެނިފާއާ އެކު ކުޅެފައި ވަނީ "ފަނާ" އާއި "ހަމް ތުމް" ފަދަ ކާމިޔާބު ފިލްމްތައް އުފެއްދި ޑައިރެކްޓަރު ކުނާލް ކޯލީ އެވެ. "ޕިރް ސޭ" އަށް ފަހު ޖެނިފާ އެއްވެސް ފިލްމެއް ނުކުޅެ އެވެ. އަދި އެކަމަކަށް އޭނާގެ މާ ބޮޑު ޝައުގުވެރިކަމެއް ވެސް ނެތެވެ.
މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ، އެކްޓަރު ކަރަން ސިންގް ގްރޯވާގެ ކުރީގެ އަންހެނުން ބުނީ އެއް އިރެއްގައި ވެސް ބޮލީވުޑަކީ އޭނާގެ ހުވަފެނެއް ނޫން ކަމަށެވެ. އަދި ކޮންމެހެން ފިލްމްތައް މާ މުހިއްމު ނޫން ކަމަށް ވެސް ބުންޏެވެ.
"އަހަންނަށް ޓީވީތޯ ބޮޑު ސްކްރީނުންތޯ ބަލާކަށް މުހިއްމެއް ނޫން. ބޭނުން ވަނީ އެކްޓް ކުރަން. ރަނގަޅު ރޯލްތަކެއް ކުޅެން ލިބޭ ކަމަށް ވަންޏާ ވަކި މިޑިއާމަމެއް އަހަންނަކަށް އެއް އިރެއްގައި ވެސް މުހިއްމެއް ނޫން،" ކަލާޒުން މިހާރު ދައްކަން ތައްޔާރުވަމުން އަންނަ ސިލްސިލާ "ބޭޕަނާ" ގެ ބަތަލާ ބުންޏެވެ.
ނަމަވެސް ފިލްމަކުން ރަނގަޅު ރޯލެއް ލިބިއްޖެ ނަމަ، ގަބޫލު ކުރާނެ ކަމަށް ބުންޏެވެ.