19 މާޗް 2018 - 13:13

ދިމިޝްގު (މާޗް 19) - ސީރިއާގެ އިރުމަތީ ޣޫތާގައި ހަނގުރާމަ ކުރާ ސިފައިންނަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސް ބައްޝާރުލް އަސަދު އެ ޓައުނަށް އިއްޔެ ވަޑައިގެންފި އެވެ.

އިރުމަތީ ޣޫތާ އަށް އަސަދު ވަޑައިގެން ސިފައިންނާ ބައްދަލު ކުރާ މަންޒަރު ސީރިއާގެ ރަސްމީ ޓީވީން ވަނީ ދައްކައިފަ އެވެ.
ސިފައިންނާ މުޚާތަބް ކުރައްވާ އަސަދު ވަނީ ވެރިރަށް ހިމާޔަތްކޮށްދިން ސިފައިންނަށް ތައުރީފް ކުރައްވާ އެ ސިފައިންގެ ވާހަކަ އަންނަން އޮތް ޖީލުތަކުގެ މީހުން ވެސް ދައްކާނެ ކަމަށް ވިދާޅުވެފަ އެވެ.
އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ޣޫތާ އަށް ސީރިއާ ސިފައިން ހަމަލާދޭން ފަށާފައި ވަނީ މިދިޔަ މަހު އެވެ. އެ ޓަނުގެ 80 ޕަސެންޓް މިހާރު ވަނީ ސީރިއާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. ފެބްރުއަރީ 18 ވަނަ ދުވަހު ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ވަނީ އިރުމަތީ ޣޫތާގެ އާއްމުންގެ 1،400 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އިރުމަތީ ޣޫތާ އަށް ސީރިއާ ސިފައިން ވައިގެ ހަމަލާ ދެނީ ހަމަލާތައް ހުއްޓާލަން އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.