19 މާޗް 2018 - 12:56

ދިވެހިރާއްޖޭގެ ކުޅިވަރުގެ އިދާރީ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާ މި އަހަރު ބ. ގޮއިދޫގައި ބާއްވަން ނިންމައިފި އެވެ.
ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ އެޒްކެޓިވް ކޮމިޓީން އެގޮތަށް ނިންމީ އޮލިމްޕިކް ކޮމިޓީގެ ހަރަކާތްތައް މުޅި ރާއްޖެ އަށް ފުޅާކުރުމުގެ ވިސްނުމުގައި ކަމަށެވެ.
"އޮލިމްޕިކް ކޮމިޓީ އަތޮޅުތެރެއަށް ނުކުންނަން ބޭނުންވީ. މާލޭގައި އަބަދު ބޭއްވުމުގެ ބަދަލުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅުގަނޑުމެންގެ ހަރަކާތްތައް ކުރިއަށް ގެންދަން ބޭނުންވީ. އެގޮތުން މި ފަހަރު ނިންމީ ބ. ގޮއިދޫގައި ބާއްވަން. ސަބަބަކީ އެ ރަށަކީ މިހާރު ރާއްޖޭގައި ކުޅިވަރުގެ ހަމަ ނަމޫނާ ރަށަކަށްވާތީ،" މަރުޒޫގު ވިދާޅުވި އެވެ.
އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހިމަނަން ނިންމާފައިވާ ކައިޓް ސާފިންގެ ހަރަކާތްތައް ރާއްޖޭގައި އެންމެ ފުޅާކޮށް ކުރިއަށް ގެންދަނީ ގޮއިދޫގަ އެވެ. އެ ރަށުގެ ކުދިން އަންނަނީ އެ ކުޅިވަރުގައި ތަފާތު ދައްކަމުންނެވެ.
މަރުޒޫގު ވިދާޅުވީ މި ބައްދަލުވުމަކީ ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކުންނާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އަދި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ބައިވެރިވާ ބައްދަލުވަކަށް ބާއްވާއިރު މީގެ ސަބަބުން ފައިދާތަކެއްކުރާނެ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ޕޮލިސީ މޭކަރުން ބައިވެރިވާ މުހިއްމު ބައްދަލުވުމެއް މިއީ. ބައްދަލުވުމަށް ފަހު އެ ރަށުގައި ކުޅިވަރު އިވެންޓްތަކެއް ވެސް ބާއްވާނެ. ރަށުގެ ރައްޔިތުންނާ އެކު ކުޅިވަރުގެ ހަރަކާތްތަކުގައި އަޅުގަނޑުމެން ބައިވެރިވާނަން،" މަރުޒޫގު ވިދާޅުވި އެވެ.
އަހަރީ އާއްމު ޖަލްސާއަކީ އޮލިމްޕިކް ކޮމިޓީގެ ބަޖެޓާއި ހަރަދު ރިޕޯޓާއި ހަރަކާތްތައް ފާސްކުރާ މުހިއްމު ބައްދަލުވުމެކެވެ. މީގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމުގެ ބާރު ވެސް އެ ބައްދަލުވުމުގައި ލިބޭނެ އެވެ.