19 މާޗް 2018 - 12:48

ފަންސަވީސް މީހުންނާ އެކު މިދިއަ ހުކުރުދުވަހު އައްޑޫން މަހަށް ފުރި ދޯންޏެއްގެ ހަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.
ދިގުމިނުގައި 108 ފޫޓު ހުންނަ "ކޮންކޯޑް" މަރަދޫން ފުރީ މިދިއަ ހުކުރުދުވަހު އިރު އޮއްސުނު ފަހުންނެވެ. އެ ދޯންޏާ އެންމެ ފަހުން ގުޅުނީ ރޭ އިރު އޮއްސުނު ވަގުތު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ އެންމެ ފަހުން ގުޅުނު އިރު ދޯނީގެ އިންޖީނަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް ފަހު ދަތުރުކުރަމުން އަންނަ ކަމަށް، ދޯނީގެ ވެރިފަރާތަށް އެންގި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ދޯނީގެ ހަބަރެއް ނުވެ އެވެ. އަދި އެކަން ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނައީ މިއަދު ހެނދުނެވެ.
"ކޮންކޯޑް"ގެ ބޭރުގައި ލާފައި ވަނީ ނޫ ކުލަ އެވެ. ދޯނީގެ ގެގަނޑުގައި ހުންނާނީ ހުދު ކުލަ ކަމަށް، އެމްއެންޑީއެފުން ބުނެ އެވެ.
އެ ދޯންޏާ ބެހޭ މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްއެންޑީއެފުން އެދެ އެވެ.