އދ.ގެ މަންދޫބު މެދުވެރިވެގެން ޕާޓީތަކާ ވަކިން މަޝްވަރާ ކުރަން މާދަމާ ފަށަނީ
އދ.ގެ މަންދޫބު މެދުވެރިވެގެން ޕާޓީތަކާ ވަކިން މަޝްވަރާ ކުރަން މާދަމާ ފަށަނީ

ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކުރާ މަޝްވަރާތައް ފަށާއިރު އެއްތަނެއްގައި ތިބެ ވާހަކަ ދެއްކުމުގެ ބަދަލުގައި، އދ.ގެ މަންދޫބު ވަކިވަކިން ޕާޓީތަކާ ބައްދަލުކޮށް މަޝްވަރާގެ މަސައްކަތް ރާއްޖޭގައި މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

އދ.ގެ މަންދޫބު މެދުވެރިވެގެން ޕާޓީތަކާ ވަކިން މަޝްވަރާ ކުރަން މާދަމާ ފަށަނީ
އދ.ގެ މަންދޫބު މެދުވެރިވެގެން ޕާޓީތަކާ ވަކިން މަޝްވަރާ ކުރަން މާދަމާ ފަށަނީ

މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް ވަނީ މިއަދު ރާއްޖެ ވަޑައިގެންފަ އެވެ.

މަޝްވަރާތަކުގައި ސަރުކާރު ތަމްސީލު ކުރައްވާ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި އދ.ގެ މަންދޫބު ކަމާބެހޭ އެކި ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ. އެ މަސައްކަތުގެ މާ ބޮޑު ތަފްސީލެއް ދެއްވުމެއް ނެތި ޝައިނީ ވިދާޅުވީ އދ.ގެ މަންދޫބުގެ މަސައްކަތް މާދަމާ ފައްޓަވާނެ ކަމަށެވެ.

އެކަމަކު، ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް، މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ކުރިއަށް އޮތް ތަނުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މަންދޫބުން އެއްތަނެއްގައި ތިބެގެން މަޝްވަރާކޮށްފާނެތޯ ސުވާލުކުރުމުން މިނިސްޓަރު ވަކި ޖަވާބެއް ނުދެއްވި އެވެ. އަދި މަޝްވަރާކުރާނީ ޕާޓީތަކާ ވަކިންތޯ ނުވަތަ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މަންދޫބުން އެއްތަނެއްގައި، މޭޒުދޮށުގައި ތިބެގެންތޯ ދެންނެވުމުން ވެސް މިނިސްޓަރު ވިދާޅުވީ އެކަން ނިންމާނީ އދ.ގެ މަންދޫބު ކަމަށެވެ.

"ވަޑައިގެން އުޅުއްވާ ބޭފުޅުންކޮޅެއް ނުވަތަ އެ ކަމުގައި އުޅުއްވާ ބޭފުޅުން ގެންގުޅުއްވާ ސްޓްރެޓެޖީއެއް އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ،" ސަރުކާރު ތަމްސީލުކުރައްވާ އަނެއް ދެ މަންދޫބުން ކަމަށްވާ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ހޯމް މިނިސްޓަރު އަހުމަދު ޒުހޫރާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިނީ ވިދާޅުވި އެވެ.

ހުރިހާ ފަރާތްތައް އެއްތަނެއްގައި ތިބުމުގެ ބަދަލުގައި ވަކިވަކިން މަޝްވަރާ ކުރުމަކީ އާއްމު އުސޫލެކެވެ. ޔަމަނުގެ މަސްރަހު ހަމައަކަށް އަޅުވަން އދ. މެދުވެރިވެގެން މިހާރު ކުރި އަށްދާ މަޝްވަރާތައް ވެސް ފެށީ އެ ގޮތަށެވެ. އަދި ސީރިއާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އދ. އިން އިސްވެ އޮވެ ކުރި މަޝްވަރާތައް ވެސް އެގޮތަށް ބޭއްވި އެވެ.

މަޝްވަރާގެ މަސައްކަތް މާދަމާ ރާއްޖޭގައި ފެށިޔަސް، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެކި ގޮތްގޮތަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝައިނީ ވިދާޅުވި އެވެ. އދ.ގެ މަންދޫބުގެ ބައިވެރިވުން ވެސް އެ މަޝްވަރާތަކުގައި އެބައޮތް ކަމަށާއި މެއިލް މެދުވެރިކޮށް ވެސް ބައެއް މުއާމަލާތްތައް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އދ.ގެ މަންދޫބު މެދުވެރިވެގެން، ވަކިވަކިން ޕާޓީތަކާ އެކު ކުރަމުން އަންނަ މަޝްވަރާތަކުގައި ކާމިޔާބީތަކެއް ވެސް ހޯދިފައިވާކަން ޝައިނީ ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، އިދިކޮޅު ޕާޓީތަކުން ވެސް މަޝްވަރާތަކުގައި ބައިވެރިވަމުން ދިއުމެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކުރި އަށް އޮތް ތަނުގައި ވެސް މި މަޝްވަރާތަށް ކުރި އަށް ގޮސް، ސޮލިއުޝަންތަކެއް ލިބޭނެ ކަމަށް،" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިނީ ވިދާޅުވި އެވެ.

މި ފަހަރު ވެސް ސަރުކާރުގެ އެއްވެސް ޝަރުތެއް ނެތް ކަމަށާއި އެކަމަކު މަޝްވަރާތަކުގައި ވަކި ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން އެ ކަންކަން ހާސިލް ކުރާނެ ޓައިމްފްރޭމަކަށް އެއްބަސްވާން ސަރުކާރުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ކަންތައްތައް އެކި ފަހަރު އެކި ގޮތަށް ބަދަލުވަމުން ދާތީ، މަޝްވަރާތައް ދިގު ދެމިގެން ދާތީ އެވެ.

ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާތައް ފެށީ މިދިޔަ އަަހަރު މެދު ތެރޭގަ އެވެ. އެކަމަކު، ޖަލަށް ހުކުމްކޮށްފައި ތިބި އިދިކޮޅު ލީޑަރުން މަޝްވަރާތަކުގެ ކުރިން ދޫކޮށްލަން ކުރި ޝަރުތައް ސަރުކާރުން އެއްބަސް ނުވުމުން މިހާތަނަށް އެ މަޝްވަރާތައް ފެށޭ ގޮތެއް ނުވެ އެވެ. އދ.ގެ މަންދޫބު ބައިވެރިވެވަޑައިގަންނަވަން ފެއްޓެވީ އޭގެ ފަހުންނެވެ.