19 މާޗް 2018 - 12:23

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިދިޔަ މަހު ހައްޔަރުކުރި ހަސަންގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނު ހިންގަން ހުރަސް އެޅިކަމުގެ ދައުވާ އެވެ. އެ މައްސަލާގެ ޝަރީއަތް މިއަދު މެންދުރު ފަށަން ހަމަޖައްސާފައިވާއިރު އެ އަޑުއެހުން ސިއްރުކުރި ސަބަބެއް ސާފެއް ނުވެ އެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިން ހަސަން ހައްޔަރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެ، އޭނާ ހޯދަން ފުލުހުން އިއުލާންކުރި އެވެ. އެކަމަކު ސުޕްރީމް ކޯޓުން އޭރު ވަނީ އޭނާ ހައްޔަރު ކުރުމުގެ އަމުރު ބާތިލްކޮށްފަ އެވެ.
ހަސަންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. ދައުލަތް ހިންގަން ދަތި ކުރުމުގެ ދައުވާ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލައި، އިއްޔެ ޝަރީއަތް ފަށާފައިވާއިރު ދެން ތިއްބެވި ބޭފުޅުންގެ ޝަރީއަތް އަދި ނުފަށަ އެވެ.