19 މާޗް 2018 - 10:34

ނޭޕްލްސް (މާޗް 19) – ޖެނޯއާ އަތުން 1-0 އިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސްއާ ދެ ޕޮއިންޓަށް ނަޕޯލީ ގާތްކޮށްފި އެވެ.
ނަޕޯލީން މި ނެގީ ހޮނިހިރު ދުވަހުގެރޭ ސްޕަލްއާ ޔުވެންޓަސް 0-0 އިން އެއްވަރުވުމުގެ ފައިދާ އެވެ. ޔުވެންޓަސް 75 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ނަޕޯލީ ދެ ވަނައިގައި އޮތީ 73 ޕޮއިންޓާ އެކު އެވެ. ދާދި ފަހުން ރޯމާ އަތުން ބަލިވެ އަދި އިންޓަ މިލާނާ އެއްވަރުވުމުން ނަޕޯލީ ލީގު ހޯދުމުގެ ރޭހުން ބާކީވީ ކަމަށް ބެލެވުނު ނަމަވެސް ރޭގެ މޮޅާ އެކު އަނެއްކާ ވެސް އުއްމީދު ވަނީ އާވެފަ އެވެ.
އަމިއްލަ ދަނޑުގައި ނަޕޯލީ ކުޅުނު މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ 72 ވަނަ މިނެޓުގައި ރައުލް އަލްބިއޯލް އެވެ.
އިއްޔެގެ އެހެން މެޗުތަކަށް ބަލާއިރު މައުރޯ އިކާޑީގެ ހަތަރު ގޯލާ އެކު ސަމްޕްޑޯރިއާ 5-0 އިން ބަލިކޮށް އިންޓަ ވަނީ 55 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް އަރައިފަ އެވެ. ތިން ވަނައިގައި އޮތީ 59 ޕޮއިންޓާ އެކު ރޯމާ އެވެ.
ކުރިން ހަތަރު ވަނައިގައި އޮތް ލާޒިއޯ ރޭ ބޮލޯނިއާއާ 1-1 އިން އެއްވަރުވިއިރު އެ ޓީމު މިހާރު އޮތީ 54 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ހަ ވަނައިގައި 50 ޕޮއިންޓާ އެކު އޮތީ އިއްޔެ ކިއޭވޯ އަތުން 3-2 އިން މޮޅުވި އޭސީ މިލާނެވެ.
ހަކާން ޗަހަނޮގްލޫގެ ލަނޑުން މިލާން ކުރި ހޯދާފައިވަނިކޮށް ކިއޭވޯ އިން ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައި ލީޑު ހޯދި އެވެ. މިލާން މޮޅުވީ ދެ ވަނަ ހާފުގައި ޒުވާން ދެ ފޯވާޑުން ކަމަށްވާ ޕެޓްރިކް ކުޓްރޯނޭ އާއި އަންދްރޭ ސިލްވާ ޖެހި ލަނޑުތަކުންނެވެ.