މާޒިޔާ އިން ކުޅެނީ އިންމަގެ ރީތި ކުޅުން: ކިސް
މާޒިޔާ އިން ކުޅެނީ އިންމަގެ ރީތި ކުޅުން: ކިސް

މާޒިޔާ އިން ކުޅެނީ އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ކުޅުނު ފަދަ ރީތި ކުޅުމެއް ކަމަށާއި އެ ޓީމާ މެދު ސަމާލުވާން ޖެހޭ ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ނުކުންނަ ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބުނެފި އެވެ.

މާޒިޔާ އިން ކުޅެނީ އިންމަގެ ރީތި ކުޅުން: ކިސް
މާޒިޔާ އިން ކުޅެނީ އިންމަގެ ރީތި ކުޅުން: ކިސް

ކިސްގެ ކޯޗުކަމުގެ ދަށުން ވެލެންސިއާ އަށް ކުޅެފައިވާ އިންމަ އަކީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އިންޑިއާ ޓީމަކަށް ވެސް ކުޅުނު އިންމަ އަކީ ހިލޭ ޖެހުންތައް ޖެހުމުގައި ވެސް އެފަދަ ދެ ވަނަ އެއް ނެތްފަދަ ކުޅުންތެރިޔެކެވެ.

"މާޒިޔާ އަކީ ވަރަށް މޮޅު ޓީމެއް. ވަރަށް ރީތި ފުޓްބޯޅައެއް ކުޅެނީ. ހަމަ އިންމަ ކުޅުނު ގޮތަށް އެ ޓީމުން އެ ކުޅެނީ. އަވަސް ފުޓްބޯޅައެއް، ޒުވާން ކުޅުންތެރިންތަކެއް، ވަރަށް ވަރުގަދަ ޓީމެއް،" ކިސް ބުންޏެވެ.

އޭނާ ބުނީ ނިއު ރޭޑިއަންޓުން ކުޅޭނީ ސީދާ މޮޅުވާން ޓާގެޓް ފުޓްބޯޅައެއް ކަމަށާއި މާޒިޔާގެ ކުޅުން ނިއު އަށް ވުރެ ވެސް ރީތި ކަމަށެވެ. ކިސް ބުނީ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ވިކްޓަރީ އަށް ދިމާވާނެ މައްސަލައަކީ ޑިފެންސް ކަމަށެވެ.

"އެކަމަކު މި މެޗަކީ ވިކްޓަރީ އަށް ވަރަށް މުހިއްމު މެޗެއް. އަހަރެމެން ޓީމު އެންމެ ފަހުން ކުޅުނު (ޓީސީ) މެޗު ކާމިޔާބުކުރި. ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނު. ދެ ވަނަ ހާފުގައި ބުރަކޮށް މަސައްކަތްކުރި. އެކަމަކު މައްސަލައަކީ ބައެއް ޒުވާން ކުޅުންތެރިންގެ ވިސްނުމުގެ މައްސަލައެއް. އެބަޖެހޭ ރަނގަޅަށް ވިސްނުން ބަހައްޓަން. މުހިއްމު މެޗެއް ހަވީރުގެ ހޫނު ގަޑީގައި މި ކުޅެން ޖެހެނީ އެހެންވެ ވަރަށް ސަމާލުވާން ޖެހޭ،" ކިސް ބުންޏެވެ.

މާޒިޔާ ވަނީ އެންމެ ފަހުން ކުޅުނު މެޗުން ކްލަބް ވެލެންސިއާ އަތުން މޮޅުވެ ހަމަޖެހުމެއް ހޯދައިފަ އެވެ. އެކަމަކު އިންމަ ބުނީ އެއީ ކުޑަ ވަގުތުކޮޅެއްގެ ހަމަޖެހުމެއް ކަމަށާއި ބޮޑު ލީގެއްގައި ކުރިއަށްދާއިރު ކުޅޭ ކޮންމެ މެޗަކީ ވެސް އެހާމެ މުހިއްމު މެޗަކަށް ވާނެ ކަމަށެވެ.

އޭނާ ބުނީ ކުރިއަށް އޮތް ބްރޭކެއް ކަމަށާއި މޮޅަކާ އެކު ބްރޭކަށް ދެވިއްޖެ ނަމަ އަނބުރާ އަންނައިރު ޓީމު އިތުރަށް ހިތްވަރެއް ލިބޭނެ ކަމަށެވެ.

"މީގައި އަޅުގަނޑުމެން ބްރޭކަށް ދާއިރު ރަނގަޅު ހިސާބެއްގައި އޮވެއްޖެއްޔާ ކަމަށް ވަންޏާ އިތުރު ކޮންފިޑެންސް ކުޅުންތެރިންނަށް ލިބޭނެ. އަޅުގަނޑު 10 ވަރަކަށް ދުވަސް ތެރޭ އަނބުރާ އަންނައިރު އިތުރަށް ވަރުގަދަވެ ކޮންފިޑެންސް ރަނގަޅުވެގެންދާނެ،" އިންމަ ބުންޏެވެ.

އިންމަ ބުނީ އެންމެ ފަހުގެ މެޗުން މޮޅުވުމުން ޓީމު އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި އުއްމީދުކުރަނީ އަދި ގަބޫލު ވެސް ކުރަނީ މިއަދު ރަނގަޅު ކުޅުމާ އެކު ތިން ޕޮއިންޓް ހޯދޭނެ ކަމަށް ކަމަށެވެ. އޭނާ ބުނީ ވިކްޓަރީގައި ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންނާއި އަދި ކުރިން މާޒިޔާ އަށް ކުޅުނު ކުޅުންތެރިން ވެސް އެބަތިބި ކަމަށާއި ރަނގަޅަށް ސަމާލުނުވެވިއްޖެއްޔާ އުނދަގޫތަކެއް ވެދާނެ ކަމަށެވެ.