ފަލާހަށް ބިރުދައްކައިގެން ހައްޔަރުކުރި ސްމިތު ދޫކޮށްލައިފި
ފަލާހަށް ބިރުދައްކައިގެން ހައްޔަރުކުރި ސްމިތު ދޫކޮށްލައިފި

އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ފަލާހަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތު) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އޭނާ ހައްޔަރުކުރުމަށް ފަހު ގެންދިޔައީ ދޫނިދުއަށެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބަންދުން ދޫކޮށްލުމަށްފަހު ރޭ ވަނީ އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހު ރެސްޓޯރެންޓެއްގައި ފަލާހު އިންނަވަނިކޮށް ސްމިތުގެ ޓްވިޓާ އެކައުންޓުން ވަނީ ވީޑިއޯއެއް ލައިވްކޮށްފަ އެވެ. އަދި ފަލާހާއާ އެކު ސްމިތު ނަގާފައިވާ ސެލްފީއެއް ވެސް އޭނާ ވަނީ އާއްމުކޮށްފަ އެވެ.

އެ ވީޑިއޯގައި ފަލާހާ ސުވާލުކުރަނީ "އަފްރާޝީމް މަރާލީ ކާކުހޭ" ކިޔައިފަ އެވެ.

ސްމިތަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކެވެ. ނަމަވެސް އެކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ނުފެންނާތީ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

ވީޑިއޯ ނަގަން ފެށުމުން ފަލާހު ވިދާޅުވަނީ "ޔޫ ނަގާ ބަލަ ފޮޓޯ" މިހެންނެވެ. އެއަށް ރައްދުދެމުން ސްމިތު ބުނެފައި ވަނީ އުޅެ ބޮޑުވީ "ދޫނިދޫ ރިސޯޓް އެންޑް ސްޕާ"ގައި ކަމަށެވެ.