19 މާޗް 2018 - 10:23

މޮސްކޯ (މާޗް 19) - ރަޝިޔާގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ލަޑިމިއާ ޕުޓިން ކާމިޔާބު ކުރައްވައިފި އެވެ.

ހަ އަހަރުގެ ހަތަރު ވަނަ ދައުރެއް ޕުޓިން މި ފަހަރު ކާމިޔާބު ކުރެއްވި އިރު 1999 ވަނަ އަހަރުން ފެށިގެން ޕުޓިން ގެންދަވަނީ ބޮޑު ވަޒީރުކަން ނުވަތަ ރައީސްކަން ކުރައްވަމުންނެވެ. ރަސްމީ ނަތީޖާތައް ދައްކާ ގޮތުން ޕުޓިން ވަނީ ވޯޓުގެ 76 ޕަސެންޓް ކާމިޔާބު ކުރައްވައިފަ އެވެ.
އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަށް ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުކޮށްފަ އެވެ.
މޮސްކޯގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ގައުމު ހޯދި ކުރިއެރުންތައް ރައްޔިތުން ބަލައިގެންފި ކަމަށެވެ.
އިތުރު ހަ އަހަރުގެ ދައުރަކަށް ވާދަކުރެއްވީ ކީއްވެތޯ، ނަތީޖާ އަށް ފަހު، ނޫސްވެރިއަކު ކުރި ސުވާލަށް ޕުޓިން ވަނީ ޖޯކް ޖައްސަވައިފަ އެވެ.
"ތިޔަ ވިދާޅުވީ ތަންކޮޅެއް ހެއްވާ ވާހަކައެއް. އުމުރުން 100 އަހަރު ހަމަވަންދެން އަޅުގަނޑު ރައީސްކަމުގައި ހުންނާނެ ކަމަށްތަ ތިޔަ ހީކުރީ. އެހެނެއް ނޫން،" ޕުޓިން ވިދާޅުވި އެވެ.
ވޯޓުގެ ކުރިން ވެސް ވަނީ ބޮޑު ތަފާތަކުން ޕުޓިން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވިފަ އެވެ. ޕުޓިންއާ އެންމެ ގާތުން ވާދަކުރެއްވި މިލިއަނަރު ޕަވަލް ގްރުޑިނިން އަށް ލިބިވަޑައިގެންނެވީ ވޯޓުގެ 12 ޕަސެންޓެވެ. ދެހާސް ބާރަ ވަނަ އަހަރު ބޭއްވި އިންތިޚާބު ޕުޓިން ކާމިޔާބު ކުރެއްވީ 64 ޕަސެންޓުންނެވެ.
ވީޑިއޯ ރެކޯޑިންތަކުން ފެންނަ ގޮތުގައި ވަރަށް ގިނަ ސިޓީތަކުގައި ވަނީ ވޯޓުގައި މަކަރު ހަދައިފަ އެވެ. އިލެކްޝަން އޮފިޝަލުން ވޯޓު ކަރުދާސް އަޅާ ފޮށިތައް ފުރާލާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ. އިންތިޚާބު މޮނިޓާކުރި ވަކި ފަރާތަކަށް ނުޖެހޭ ޖަމާއަތެއް ކަމަށްވާ ގޮލޮސް އިން ފާހަގަކުރި ކަންކަމުގެ ތެރޭގައި ވޯޓުލާން ފެށުމުގެ ކުރިން ވޯޓު ފޮށިތަކުގެ ތެރޭގައި ވޯޓު ކަރުދާސް ހުރުމާއި ބައެއް ވޯޓް ސްޓޭޝަންތަކަށް އޮބްޒާވަރުން ނުވެއްދުން ފަދަ ކަންކަން ހިމެނެ އެވެ.