19 މެޗަށް ފަހު ބަޔާން ބަލިވެއްޖެ
19 މެޗަށް ފަހު ބަޔާން ބަލިވެއްޖެ

މިއުނިކް (މާޗް 19) - ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުން އާރްބީ ލިޕްޒިގު އަތުން 2-1 އިން ވި ބައްޔާ އެކު ބަޔާން މިއުނިކް 19 މެޗަށް ފަހު ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިއީ ދެ ވަަނަ ފަހަރަށް ބަޔާން ކޯޗުކަމާ ޔުޕް ހެއިންކެސް ހަވާލުވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. އަދި ބަޔާނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަ މެޗުން ލިޕްޒިގަށް ލިބުނު ފުރަތަމަ މޮޅެވެ.

ބަޔާން ލީގުގެ އެއް ވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޝާލްކާއާ ބަޔާނާ ދެމެދު 17 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ދެ ވަނައިގައި ޝާލްކާ އަށް ލިބިފައި އޮތީ 27 މެޗުން 49 ޕޮއިންޓެވެ. ރޭގެ މޮޅާ އެކު ލިޕްޒިގު އޮތީ 27 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގައި ބަޔާނުން ވަނީ އެ ޓީމުގެ ޓޮޕް ފޯވާޑް ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ އަށް އަރާމްކުރަން ފުރުސަތު ދީފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ޖަރުމަނުގެ ފޯވާޑް ސަންޑްރޯ ވެގްނާ އެވެ. ބަޔާނަށް މެޗުގެ 12 ވަަނަ މިނިޓްގައި ލީޑުނަގައިދިނީ ވެސް ވެގްނާ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިޕްޒިގަށް އެއްވަރުކޮށްދިނީ ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކެއިޓާ މި ލަނޑު ޖެހީ ބަޔާން އޭރިއާ ތެރެއިން ލިބުނު ބޯޅަ އަކުންނެވެ.

ދެ ވަނަ ހާފްގައި ލިޕްޒިގު މޮޅުވި ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ޖަރުމަނު ގައުމީ ޓީމުގެ ފޯވާޑް ޓިމޯ ވާނާ އެވެ. އޭނާ މި ލަނޑު ޖެހީ ކެއިޓާ ދިން ބޯޅައަކުންނެވެ.

"ލިޕްޒިގުގެ ފަރާތުން ފެނުނީ ވަރަށް ވަރުގަދަ ކުޅުމެއް. އެމީހުން ވަރަށް ހިތްވަރު ކުރި. އަހަރެމެންގެ ކުޅުން ނުދެއްކޭ މި މެޗުގައި،" ބަޔާން ކޯޗު ހެއިންކެސް ބުންޏެވެ.