ފޭސްބުކް ލައިޓް: ފޯނަށް ލުއި، ބޭކާރު ސާމާނު މަދު
ފޭސްބުކް ލައިޓް: ފޯނަށް ލުއި، ބޭކާރު ސާމާނު މަދު

އެންމެ މަގުބުލޫ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކްގައި ހިމެނޭ ފޮޓޯތަކާއި ވީޑިޔޯތަކާއި މި ނޫނަސް މި އެޕްގެ ތެރޭން އުފަންވެފައިވާ އެހެން އެޕްތަކުގެ ސަބަބުން އެއީ ފޯނުގެ ސްޓޯރޭޖުގެ ބޮޑު ބައެއް ދަމައިގަންނަ އެޕަކަށެވެ. މިކަމާ ހެދި، މިއީ ރަނގަޅަށް އިންޓަނެޓް ނުލިބޭ ހިސާބުތަކުގައި ބޭނުންކުރަން ފަސޭހަ އެޕެއް ނޫނެވެ.

މިކަމަށް ހައްލު ހޯދަން ގެންގުޅެނީ ފޭސްބުކްގެ ބާރު ދެރަ ވާޝަންއެކެވެ. އެއީ ފޭސްބުކް ލައިޓެވެ. މިވަގުތު މި ވާޝަން ހިނގާނީ ހަމައެކަނި އެންޑްރޮއިޑް ފޯނުތަކުގައެވެ.

މިއީ ޓޫޖީ ފެންވަރުގައި އިންޓަނެޓު ލިބޭ ގައުމުތަކަށް ހާއްސަ އެޕަކަށް ވިޔަސް މިއީ މަދުން ފޭސްބުކް ބޭނުންކޮށްލާ މީހުންނަށް ވެސް ރަނގަޅު އެއްޗެކެވެ. ސްކްރޯލްކުރަން ފަސޭހަ ވުމާއި ފޮޓޯތައް ބަލައިލުމާއި ސްޓޭޓަސް ލިޔެލުން ފަދަ ކަންކަން ފޭސްބުކް ލައިޓްގައި އުނދަގުލެއް ނޫނެވެ. އެންމެ މުހިއްމު ކަމަކީ ބޭކާރު އެޕްތަކުން ފޯނުގެ ޖާގަ ސަލާމަތްވުމެވެ.

އާދައިގެ ފޭސްބުކް އެޕާއި ފޭސްބުކް ލައިޓާ ދެމެދު ގިނަ ތަފާތުތަކެއް އެބަހުއްޓެވެ. ފޭސްބުކް އެޕްގައި އެތައް ބައިވަރު ފީޗާތައް ހުރެއެވެ. މިއާ ޚިލާފަށް ފޭސްބުކް ލައިޓް ފެންނަނީ ވަރަށް ލުއިކޮށެވެ. ބަލައިލުމުން ހީވާނީ ފޭސްބުކްގެ އިހުގެ ވާޝަންއެއްހެނެވެ. އެކަމަކު ފޭސްބުކްގެ ހަގީގީ މަގްސަދު ހާސިލްކޮށްދެއެވެ. އެއީ ރައްޓެހިންނާއި އާއިލާގެ ގުޅުން ބަދަހިކުރުމާއި އެ ގުޅުން ދެމެހެއްޓުމެވެ. ފޭސްބުކް ލައިޓުން ޔަގީނުން ވެސް ފޭސްބުކްގެ އެންމެ އަސާސީ ސިފަތައް ކަށަވަރުކޮށްދެއެވެ.