20 މާޗް 2018 - 06:40

މިއީ ސްމާޓް މުދަލުގެ ޒަމާނެވެ. ކޮޓަރިއަށް ހޯދާ ފަރުނީޗަރު ވެސް މިހާރު މަޑުމަޑުން ސްމާޓްވަނީ އެވެ. "ސޮބްރޯ ސްމާޓް ސައިޑް ޓޭބަލް" އަކީ މިދިޔަ އަހަރު މީގެ ކޮފީ މޭޒެއް ނެރެގެން ދުނިޔޭގައި މަގުބޫލުކަން ހޯދި ކުންފުނީގެ އެންމެ ފަހުގެ އުފެއްދުމެވެ.
ސޮބްރޯ ސްމާޓް ކުޑަ މޭޒުން ފުއްދޭ ބޭނުންތައް ގިނައެވެ. ކަރަންޓު ނަރަކާ ނުލައި އެއްފަހަރާ ދެ ފޯނު ޗާޖުކުރެވެއެވެ. މީގައި 4 ޔޫއެސްބީ ޕޯޓާއި 2 ކަރަންޓު ސޮކެޓް ހުރެއެވެ. ގެންގުޅޭ އަގުހުރި ސާމާނު ރައްކާކުރަން ތަޅުލެވޭ ވަތްގަނޑަކާއި ދަންވަރު ހޭލައިގެން ބޯލާނެ ފިނިބުއިންތައް ރައްކާކުރާނެ ކޫލަރެއް ހުރެއެވެ.
ނިދަން ފަސޭހަކޮށްދޭނެ މަޑުމައިތިރި ނާނާ އިއްވާލަދޭނެ ސްޕީކަރުތަކާއި ރޭގަނޑަށް ބޭނުންވާނެ އަލިކަން އިޚުތިޔާރުކުރެވެއެވެ. ދަންވަރު ހޭލެވިއްޖެ ނަމަ ބިމުގައި ފައި ޖެހުމުން ދިއްލޭނެ އެލްއީޑީ ބޮކި ރޮނގަކާއި އަލި ވިލުމުން އިރުގެ އަލި ރަމްޒުކޮށްދޭނެ ގަދަ އައްޔެއް، މި މޭޒުގެ ފަހަތުން ފާޅުވާންހުރެއެވެ.
ނިދާއިރު ޖަހާލާނެ ލަވައަކާއި ނިދާ ގަޑީގައި ދިއްލާނެ ބޮކީގެ ކުލަ، މި މޭޒާ ގުޅޭ އެޕް މެދުވެރިކޮށް އިޚުތިޔާރުކުރެވެއެވެ. ރީތި ސާފު ހުދުކުލައިގެ މި މޭޒު ބާޒާރުގައި ވިއްކަން ހުރީ 349 އެމެރިކާ ޑޮލަރަށެވެ.