18 މާޗް 2018 - 19:23

ހެލްސިންކީ (މާޗް 18) - އެމެރިކާ އާއި ނޯތު ކޮރެއާ އަދި ސައުތު ކޮރެއާގެ މަންދޫން ފިންލެންޑުގައި ބައްދަލު ކުރަން ނިންމައިފި އެވެ.
ތިން ގައުމުގެ މަންދޫބުން މި ބައްދަލު ކުރަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ސަމިޓެއް މެއި މަހު ބާއްވަން އިއުލާންކޮށްފައި ވަނިކޮށެވެ. ދެ ބޭފުޅުންގެ ބައްދަލުވުން ބޭއްވުމުގެ ކުރިން ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމް ހުއްޓާލަން ވަނީ ޝަރުތުކޮށްފަ އެވެ. ތިން ގައުމުގެ މަންދޫބުން ފިންލެންޑުގައި ބާއްވާ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ނޯތު ކޮރެއާގެ ލީޑަރާ ބައްދަލު ކުރުމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންނެވި ނަމަވެސް ނޯތު ކޮރެއާ އިން އަދި ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ. ޓްރަމްޕާއި ކިމް ބައްދަލު ކުރައްވައިފި ނަމަ އެއީ އެމެރިކާ އާއި ނޯތު ކޮރެއާގެ ވެރިން މިހާތަނަށް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.
ފިންލެންޑުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ގައުމުގެ ރޯލަކީ މަޝްވަރާތަކަށް މަގު ފަހިކޮށްދިނުން ކަމަށާއި ބައްދަލުވުމުގައި ފިންލެންޑުން ބައިވެރިނުވާނެ ކަމަށެވެ.
އަނެއްކޮޅުން ނޯތު ކޮރެއާގެ އޮފިޝަލަކު ދާދި ފަހުން ވަނީ ސްވިޑަން އަށް ވަޑައިގެންފަ އެވެ.