އޭޑީކޭގެ 68 އެނދުގެ އާ މެޑިކަލް ވޯޑު ބޭނުންކުރަން ފަށައިފި
އޭޑީކޭގެ 68 އެނދުގެ އާ މެޑިކަލް ވޯޑު ބޭނުންކުރަން ފަށައިފި

އޭޑީކޭ ހޮސްޕިޓަލުގެ އާ އިމާރާތުގެ ފަސް ބުރީގައި ހެދި 68 އެނދުގެ މެޑިކަލް ވޯޑު ބޭނުންކުރަން ފަށައިފި އެވެ.

އޭޑީކޭގެ 68 އެނދުގެ އާ މެޑިކަލް ވޯޑު ބޭނުންކުރަން ފަށައިފި
އޭޑީކޭގެ 68 އެނދުގެ އާ މެޑިކަލް ވޯޑު ބޭނުންކުރަން ފަށައިފި

ކުރިން އޭޑީކޭ ކެންޓީން ހުރި ތަނުގައި ހެދި ނުވަ ބުރީގެ އެ އިމާރާތުގައި މެޑިކަލް ވޯޑު ގާއިމްކުރީ ތިން ވަނަ ބުރިން ފެށިގެން އަށް ވަނަ ބުރިއާ ހަމައަށެވެ. އެ އިމާރާތުގެ ދެ ވަނަ ބުރި ހާއްސަކޮށްފައި ވަނީ މެޑިކަލް ޗެކަޕާއި މެޑިކަލް ސްކްރީން އަށެވެ.

އާ މެޑިކަލް ވޯޑުގެ އެންމެ ބޮޑު ބަދަލަކީ ކޮންމެ ދެ އެނދެއް ވަކިކުރަން ފޮތިގަނޑެއް ދެމުމުގެ ބަދަލުގައި ކުދިކުދި ކޮޓަރިތަކުގައި އެނދު ބެހެއްޓުމެވެ. އެތަނުގައި ބަލިމީހާގެ އެހީތެރިޔާއަށް އޮށޯވެވޭނެ ގޮތަށް، ދަމާލާ ގޮނޑިއެއް ވެސް ހުރެ އެވެ. އޭގެ އިތުރުން އެތަނުގައި ބަލި މީހުންނަށް ފަސޭހައިން ފަރުވާ ދެވޭނެ އިތުރު ހިދުމަތްތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

"މިތަން ޑިޒައިންކޮށްފައި ވަނީ ބަލިމީހާއަށް ވަރަށް ބޮޑަށް ޕްރައިވެސީ ލިބޭ ގޮތަށް. އަދި ބަލިމީހާގެ ހާލަތު ވަގުތުން ދެނެގަނެވޭ ގޮތަށް މޮނިޓަރިން ސިސްޓަމް ވެސް ހަރުކޮށްފައި މިވަނީ،" އެތަން ދައްކަވަމުން އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި އެވެ.

"އަދި އޭގެ އިތުރުން އަމިއްލައަށް ހިނގާފައި ވަދެ ނިކުމެވޭ ގޮތަށް ޑިޒައިންކޮށްފައި މިވަނީ."

އޭނާ ވިދާޅުވީ މެޑިކަލް ވޯޑަކީ ޕްރައިވެޓް ކޮޓަރިތަކެއްގެ ގޮތުގައި ނުބެލެވޭތީ އެތަނުގައި އެޑްމިޓްކުރާ ބަލިމީހުންގެ ހަރަދުތައް އާސަންދައިން ކަވަރުކުރެވޭނެ ކަމަށެވެ.

"އާސަންދައިން [ހޮސްޕިޓަލްގެ ޕްރައިވެޓް] ކޮޓަރިތަކުގެ ހަރަދުތަކެއް ކަވަރެއް ނުކުރާނެ. ނަމަވެސް ވޯޑުތަކުގައި އޮންނަ ބަލި މީހާގެ ހަރަދު ކަވަރުކުރާނެ. އެހެންވީމަ މިތަނުގައި ތިބޭ ބަލި މީހުންގެ ހަރަދުތައް އާސަންދައިން ކަވަރުކުރާނެ،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަރަށް ގިނަ އާ ހިދުމަތްތައް ބަލިމީހުން ދެވޭ ގޮތަށް ހެދި އާ އިމާރާތުގެ ވޯޑުތަކުގެ ފެންވަރު މަތިކުރި ނަމަވެސް އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.