19 މާޗް 2018 - 07:28

ދިވެހިން ވެސް ހިންދީ ޑްރާމާ ސިލްސިލާތަކަށް ދެވި ހިފީ އެކްތާ ކަޕޫރް ސްޓާ ޕްލަސް އިން ގެނެސްދިން މަޝްހޫރު ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" އިންނޭ ބުނުމަކީ ގޯހަކަށް ނުވާނެ އެވެ. އެ ޖެހުނު ފޯރީގައި ހިންދީ ސިލްސިލާތަކާ ދުރެއް ނުވެވުނެވެ.

"ކަސޯޓީ" އަކީ 2001-2008 އަށް ގެނެސް ދިން ސިލްސިލާއެކެވެ. މީގެ ލީޑް ރޯލް ކުޅުނީ ޕްރޭނާގެ ނަމުން މަޝްހޫރުވި ޝްވޭތާ ތިވާރީ އާއި ބަޖާޖްގެ ނަމުން މަޝްހޫރުވި ރޯނިތު ރޯއިގެ އިތުރުން އަނޫރާގެ ނަމުން މަޝްހޫރުކަން ހޯދި ސިޒޭން ހާނެވެ.

މީގެ އިތުރުން ކޮމަލިކާއަކީ "ކަސޯޓީ" އިން އެންމެ ވިދާލި އެއް ކެރެކްޓާ އެވެ. މުޅި އާއިލާ ތެރޭގައި ފަނިހަދައި ގަޑުބަޑުކޮށްލާ ވިލަންގެ ރޯލް ސިލްސިލާގައި ކުޅުނީ އުރްވަޝީ ދޮލާކިއާ އެވެ.
ދާދި ފަހުން އެކްތާ އިސްޓަގްރާމްގައި ހިއްސާކުރި ވާހަކައަކުން އޭނާ "ކަސޯޓީ" އަލުން ގެނެސް ދޭން އުޅޭ ކަމަށް ވާހަކަ ފެތުރުނެވެ. އަދި ސިލްސިލާގެ މުހިންމު ރޯލްތައް ކުޅޭނެ ބައެއް ތަރިންނާ ބެހޭ ގޮތުން ވެސް މިޑިއާތަކުން ވާހަކަތައް ދައްކަމުން އަންނަނިކޮށް އެކްތާ މި ވަނީ އެ ސިލްސިލާގެ އާ ސީޒަނެއް ގެނެސް ދޭން ނިންމާފައިވާކަން ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު މާ ބޮޑު ތަފުސީލެއް ނުދެ އެވެ.
"ޒަމާން ބަދަލުވިޔަސް ކަސޯޓީ ކޮންސެޕްޓަކީ އަދިވެސް މުޖުތަމައު ތެރޭގައި ކަން ހިނގާ ގޮތަށް ގެނެސް ދިން ސިލްސިލާއެއް،" ލޯތްބާއި ކައިވެނީގެ ގުޅުމުގެ މައްޗަށް ގެނެސް ދިން ސިލްސިލާއާ ބެހޭ ގޮތުން އެކްތާ ބުންޏެވެ. "އެހެންވީމާ މި ޒަމާނާ ގުޅޭ ގޮތަށް އަނެއްކާ ވެސް މި ވާހަކަ ގެނެވިދާނެ. އެކަމަށް ތައްޔާރުވަމުން އަންނަނީ."
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ކަސޯޓީ 2" ގައި އަނޫރާގްގެ ރޯލް ކުޅެނީ މިހާރު ވެސް ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދާފައިވާ ޒުވާން އެކްޓަރު ޝަހީރް ޝެއިހް، 33، އެވެ. އެކަމަކު މިދިޔަ އަހަރު ސޮނީން ނިންމައިލި "ކުޗް ރަންގް ޕިޔާރް ކޭ އެއިސޭ ބީ" ގެ އެކްޓަރު ވަނީ އޭނާ އަދި އެއްވެސް ސިލްސިލާއަކަށް ސޮއި ނުކުރާ ކަމަށް ބުނެފަ އެވެ.
ހަތް އަރަށް ދެމިގެން ދިޔަ "ކަސޯޓީ" ގެ ޖުމްލަ 1،423 އެޕިސޯޑް ދައްކާފައިވާ އިރު، މީގެ ބައެއް އެޕިސޯޑްތައް "ބަރްފީ" އާއި "ޖައްގާ ޖާސޫސް" ފަދަ ފިލްމްތައް ގެނެސް ދިން އަނޫރާގް ބާސޫ ވެސް ޑައިރެކްޓްކޮށްފައިވެ އެވެ.
އެކްތާ، 42، ވަނީ ވަރަށް މަގުބޫލް ސިލްސިލާތަކެއް ބެލުންތެރިންނަށް ގެނެސް ދީފަ އޭގެ ތެރޭގައި ކިޔޫން ކީ ސާސް ބީ ކަބީ ބަހޫ ތީ، ކަހީ ތޯ ހޯގާ، ކަހާނީ ގަރް ގަރް ކީ، ބަޅޭ އައްޗޭ ލަގްތޭ ހޭ، ޕަވިތުރަ ރިޝްތާ އަދި ނާގިން ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.