އިލްހާމާއި ސިނާންގެ ބަންދަށް 15 ދުވަސް ޖަހައިފި
އިލްހާމާއި ސިނާންގެ ބަންދަށް 15 ދުވަސް ޖަހައިފި

ކުއްލި ނުރައްކަލުގެ ހާލަތު ދަށުން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާ ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފި އެވެ.

ކުރިން، ރައީސް އަބްދުﷲ ޔާމީނާ އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މި ދެ މެމްބަރުން ހައްޔަރުކޮށްފައި ވަނީ ރިޝްތު ހިފުމާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.

މި ދެ މެމްބަރުން ހައްޔަރުކުރީ، ރައީސް ޔާމީން އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން އަށެއްކަ މަސް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމުންނެވެ.

އިލްހާމާއި ސިނާނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ.

ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ކުރި ހުކުމް ތަންފީޒު ނުކޮށް، އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ބޭފުޅުންގެ ތެރޭގައި މި ދެ މެމްބަރުންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނެ އެވެ. އޭގެ އިތުރުން ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުރީގެ ދެ ޕޮލިސް ކޮމިޝަނަރުން ކަމަށްވާ އަހުމަދު އަރީފާއި އަބްދުﷲ ރިޔާޒާ އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 50 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.