18 މާޗް 2018 - 13:22

ސިޑްނީ (މާޗް 18) - ރޮހިންޖާ މުސްލިމުންނަށް އަނިޔާވެރިވެފައިވާތީ މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީއާއާ ދެކޮޅަށް އޮސްޓްރޭލިއާގެ ވަކީލުންތަކެއް ދައުވާކޮށްފި އެވެ.

"އަން ސަން ސޫކީއާ ދެކޮޅަށް ދައުވާ ކުރަން ވަނީ ވިކްޓޯރިއާ މެޖިސްޓްރޭޓް ކޯޓަށް ޕްރައިވެޓް މައްސަލައެއް ހުށަހަޅާފައި،" އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ވަކީލެއް ކަމަށްވާ އެލިސަން ބެޓިސަން ވިދާޅުވި އެވެ.
ދައުވާ ކުރަން ހުށަހެޅި އިރު ސޫކީ އުޅުއްވަނީ އާސިއަން ސަމިޓަށް އޮސްޓްރޭލިއާ އަށް ވަޑައިގެންނެވެ.
ވަކީލުންގެ ދައުވާގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ރޮހިންޖާ މުސްލިމުން ގަދަބާރުން އެ މީހުންގެ ވަޒަނުން ނެރުމާއި އެ މީހުންނަށް އަނިޔާވެރިވުމާ އަދި އެކަންކަން އެނގި ހުރެ ހުއްޓުވަން ސޫކީ މަސައްކަތް ކުރައްވާފައި ނުވުން ހިމެނެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ފަހުކޮޅު ހިންގަން ފެށި ހަމަނުޖެހުންތަކުގައި މިއަންމާގެ ރަކީން ސްޓޭޓް ދޫކޮށް ހަތް ލައްކައެއްހާ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ. ރޮހިންޖާ މީހުންނަށް ދިން އަނިޔާ އދ. އިން ސިފަކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ދަރަޖައިގަ އެވެ.
އަން ސަން ސޫކީއާ ދެކޮޅަށް ފަސް ވަކީލުން ހުށަހެޅި މައްސަލައާ ގުޅިގެން އޮސްޓްރޭލިއާގެ އެޓާނީ ޖެނެރަލް ވިދާޅުވެފައި ވަނީ ބޭރު ގައުމުތަކުގެ ވެރިންނާއި ޚާރިޖީ ވަޒީރުންނަށް ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އިމްތިޔާޒުތަކެއް ލިިގެންވާ ކަމަށެވެ. ރައްދުގައި ވަކީލުން ބުނެފައި ވަނީ އެ އިމްތިޔާޒު ސޫކީ އަށް ލިބިގެން ނުވާ ކަމަށެވެ. ސަބަބަކީ ސޫކީ އަކީ ރަސްމީކޮށް މިއަންމާގެ ވެރިއަކަށް ނުވާތީ އެވެ.
ސޫކީއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ އޮސްޓްރޭލިއާގައި ދިރިއުޅޭ ރޮހިންޖާ ކޮމިއުނިޓީގެ އެދުމުގެ މަތިންނެވެ.
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު މެލްކޮމް ޓާންބުލް ވިދާޅުވީ ސޫކީއާ އެކު ބާއްވާ ބައްދަލުވުމުގައި ރޮހިންޖާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.