19 މާޗް 2018 - 07:26

ދާދި ފަހުން މަރުވި އިންޑިއާގެ ބަތަލާ ސްރީދޭވީގެ ހަޔާތުގެ ވާހަކަތައް ފީޗާ ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނުން ބަލައިލަން ޝައުގުވެރިވާ މީހުންނަށް އޮތީ އުފާވެރި ހަބަރެކެވެ.

ސްރީދޭވީގެ ރޯލް ބޮޑު ސްކްރީންގައި ކުޅޭނެ ބަތަލާއަކު ހޯދުމަކީ ވާނެ ކަމެއް ނޫން ކަމެއް ބުނެ، ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާ (އާރްޖީވީ) ސްރީދޭވީގެ ބައޮޕިކެއް ހަދަން ބޭނުން ނުވިޔަސް، އެހެން ޑައިރެކްޓަރަކު މިހާރު މި ވަނީ އެކަމަށް ފޫގަޅައިފަ އެވެ. ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރު ހެންސެލް މެހެތާ ބުނި ގޮތުގައި އޭނާ ސްރީދޭވީގެ ވާހަކަ ސްކްރީންގައި ކިޔައި ދޭނެ އެވެ. އަދި އެ ފިލްމް ހެދުމުގެ ޝައުވެރިކަން ވަރަށް ބޮޑުކަމަށް ބުންޏެވެ.
މި ވާހަކަތަކާ އެކު ހެންސަލް އަށް ދެން އެންމެ ފުރަތަމަ ކުރިމަތިވި ސުވާލަކީ ބޮޑު ސްކްރީނުގައި ސްރީދޭވީގެ ރޯލް ކުޅޭނީ ކޮން ބަތަލާއެއް ހެއްޔެވެ؟
"އަހަރެން ބޭނުން އެ ރޯލް ވިދްޔާ ބާލަން އަށް ހުށަހަޅަން. އަހަރެން ފިލްމްގެ ސްކްރިޕްޓް ރެޑީވީމަ އޭނަ އަށް ފިލްމް އޮފާ ކުރާނަން،" މިދިޔަ އަހަރު ރިލީޒް ކުރި "ސިމްރަން" އަށް ފަހު "އޮމެތުރާ" ބެލުންތެރިންނަށް ގެނެސް ދޭން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރު ބުންޏެވެ.
ސްރީދޭވީގެ ރޯލް، ވިދްޔާ ލައްވައި ކުޅުވުމަކީ ބެލުންތެރިންނަށް ހަޖަމު ކުރެވޭނެ ކަހަލަ ވާނެ ކަމެއް ބާވައޭ އެއީ މިހާރު ވެސް ބޮޑު ސުވާލެކެވެ. އެކްޓިން އަށް ބަލާ އިރު، ސްރީދޭވީގެ ރޯލަށް ވިދިޔާ ކިތަންމެ ފުރިހަމައަކަށް ވެސް އިންސާފުކޮށް ދީފާނެ އެވެ. އެކަމަކު ލުކްގެ ގޮތުން ބަލައިފި ނަމަ އޭނާ ސްރީދޭވީ އާއި އަޅާކިޔޭނެ ބާވަ އެވެ؟
ސްރީދޭވީ، 54، އަކީ އިންޑިއާގެ ބަތަލާއިންގެ ތެރެއިން އަބަދު ވެސް އެންމެ ލޫޅާފާތިކޮށް ހުރި އަދި އުމުރުން ދުވަސްވިޔަސް އެންމެ ރީތި، އެންމެ ސްޓައިލިޝް އެއް ބަތަލާ ވެސް މެ އެވެ. އަނެއްކޮޅުން ސްރީދޭވީއަކީ އެހާ މޮޅު ނެށުންތެރިއެކެވެ. އޭނާގެ މި ކޮލިޓީތަކަށް ބަލާއިރު، ސްރީދޭވީ އާއި ވިދިޔާ އަޅާކިޔަންވެއްޖެ ނަމަ މުޅިން ވެސް ހުންނާނީ ނުގުޅޭ ސިފަތައްކަން ޔަގީނެވެ.
އަނެއްކޮޅުން ވިދްޔާއަކީ ފަލަކަމުން އަބަދު ވެސް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ބަތަލާއެކެވެ. އޭނާއަކީ ނަށަން އެނގޭ ބަތަލާއެއް ވެސް ނޫނެވެ. ކޮންމެއަކަސް މި ހުރިހާ ބަހުސްތަކެއް ސްރީދޭވީގެ ރޯލް، ވިދްޔާ ލައްވައި ކުޅުވާ ނަމަ ކުރާނެ އެވެ.
ވިދިޔާގެ އެންމެ ފަހުން ރިލީޒްވި ފިލްމް "ތުމާރީ ސުލޫ" ގައި ވަނީ ސްރީދޭވީގެ އެންމެ ހިޓް ލަވަތަކުގެ ތެރޭގައި ހިމެނޭ "ހަވާ ހަވާއީ" ގެ ޒަމާނީ ވާޝަނެއް ވިދިޔާ ހިމަނައިގެން ގެނެސް ވެސް ދީފަ އެވެ. އެހެންވެ މި ވަރުން މި ދަނޑިޅަށް ސްރީދޭވީ އާއި ވިދިޔާގެ ވާހަކަތައް ހެންސަލް އަށް ދޫކޮށްލާނީ އެވެ.
ހެންސަލް ބުނި ގޮތުގައި ސްރީދޭވީ ކުއްލި ގޮތަކަށް މަރުވީ އޭނާ އަށް ފިލްމެއް އޮފާ ކުރަން އުޅެނިކޮށެވެ.
"އެ ފުރުސަތު އަހަންނަށް ނުލިބުމަކީ އަބަދު ވެސް ހިތާމަ ކުރާނެ ކަމެއް. އެހެންވެ ދެން އަހަރެން ހަދާ ފިލްމް ޑެޑިކޭޓް ކުރަން ބޭނުން ވަނީ ސްރީދޭވީ އަށް،" އޭނާ ބުންޏެވެ.